ކުރިއަށް އޮތް ރިޔާސީ ޒަޢާމަތަކީ ފުރިހަމަ ލާމަރުކަޒީ ނިޒާމަކާއެކު ހުރިހާރަށެއް ތަރައްގީވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އާތިފް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބުރާހިމް މުހައްމަދު ސޯލިޙް އާއި ފައިސަލް ނަސީމަށް ތަހުނިޔާ ދަންނަވާ މިއަދު ނެރެފައިވާ މެސެޖެއްގަ އެވެ.
ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި މިހާރުވެސް ފުރުއްވަމުންގެންދަވާ އާތިފް ނެރެފައިވާ މި ތަހުނިޔާގެ މެސެޖްގައި ބުނެފައިވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފުރިހަމަ ލާމަރުކަޒީ ނިޒާމަކާއެކު ހުރިހާ ރަށެއް ތަރައްގީވެ، ގައުމުގައި ސުލްހަވެރިކަމާއި އިންސާފު ގާއިމްވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
“ޤައުމުގައި ސުލްހަވެރިކަމާއި އިންސާފު ގާއިމްވެ، ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅުމުގެމަގު ފަހިވެގެންދާނެކަމުގައި އަޅުގަނޑު އުންމީދުކުރަން.” އާތިފް ވިދާޅުވި އެވެ.
ހދ އަތޮލު ކައުންސިލް އިދާރާގެ މުވައްޒިފުންނާއި ވެރިންނާއި އަތޮޅުގެ ރައްޔިތުންނާއި އާތިފްގެ އަމިއްލަ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ އިބުރާހިމް މުހައްމަދު ސޯލިހް އާއި ފައިސަލް ނަސީމަށް ދަންނަވާފައެވެ.