އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.
ވަގުތީ ނާތީޖާއާއި ދާއިމީ ނަތީޖާގެ މާ ބޮޑު ތަފާތެއް ނެތް އިރު އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވެފައިވާކަންވެސް އިލެކްޝަނުން ވަނީ އިއުލާންކޮށްފަ އެވެ.
ދައިމީ ނަތީޖާއިން ދައްކާ ގޮތުން އިބޫ އަށް ލިބިފައިވަނީ 134،756 ވޯޓު އަދި ރައީސް އަބްދުﷲ ޔާމީނަށް 96،502 ވޯޓެވެ.
ވަގުތީ ނަތީޖާއިން ދެއްކި ގޮތުން އިދިކޮޅު ކެންޑިޑޭޓް އިބޫ އަށް ލިބިވަޑައިގަތީ 134،616 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ.
ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ބާތިލް ކުރުމަށް ޕީޕީއެމުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރަމުން ދަނިކޮށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އިސްލާއިލް ހަބީބު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން އިއްޔެ ބައްދަލުކުރައްވައި ދާއިމީ ނަތީޖާ ނިންމާފައިވާ ކަމަށެވެ. އެގޮތުން ގާނޫނުގައިވާ ގޮތުން ދާއިމީ ނަތީޖާ އިއުލާން ކުރަން ޖެހެނީ އިންތިހާބު ބޭއްވި ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކަމަށް ހަބީބު ވިދާޅުވި އެވެ.