ރިޔާސީ އިންތިހާބާ ގުޅިގެން 423 ސަކުވާ ހުށަހަޅާފައިވާކަމަށާއި ނަމަވެސް ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް ސަކުވާއެއް ހުށަހަޅާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށައަޅާފައިވާ މައްސަލަތައް ބަލައި ދިރާސާކޮށް، މިހާތަނަށް 229 ސަކުވާއަށް ޖަވާބުދީފައިވާކަމަށެވެ.
އަދި އިންތހާބު ބޭއްވި ދުވަހުން ފެށިގެން 27 ސެޕްޓެމްބަރާ ހަމައަށް، ތަފާތު ބާވަތްތަކުގެ 238 މައްސަލަ ހުށަހެޅިފައިވާކަމަށް ޝަރީފު ވިދާޅުވި އެވެ. ރިޔާސީ އިންތިހާބާ ގުޅިގެން ހުށަހެޅިފައިވާ ސަކުވާތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެފަދަ ސަކުވާއެއް ހުށަހެޅިފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ މިފަހަރުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރި އިރު ވަގުތީ ނަތީޖާއާ ކޮންމެވެސް ވަރެއްގެ ތަފާތެއް އައިސްފައިވަނީ އިންތިހާބުގެ ނަތީޖާ މެނުއަލްކޮށް ޓެލީކުރުމުންކަމަށެވެ. އަދި ވޯޓު ފޮށްޓެއް އަލުން ގުނުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާކަމަށް ޝަރީފް ވިދާޅުވި އެވެ.