ޑޮލަރުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ޑޮލަރުގެ އަގަށް ބަދަލު ގެންނަވައިފިއެވެ.
އެމެރިކާ ޑޮލަރަށް ނިސްބަތްކުރާއިރު، ދިވެހި ރުފިޔާގެ އަގަކީ 12.85 ރ. އަށް ވުރެ 20 ޕަސެންޓް ދަށް ނޫން އަގެއް ކަމަށާއި އަދި 20 ޕަސެންޓް މަތި ނޫން އަގެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވަނީ ނިންމަވާފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ނަޝީދު މި ގޮތަށް ކަނޑައެޅުއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، އެމްއެމްއޭގެ ބޯޑުގެ މަޝްވަރާގެ މަތިން، ބޭރުގެ ފައިސާގެ ނިސްބަތުން ދިވެހި ރުފިޔާގެ އަގެއް ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައެޅުއްވިދާނެކަމަށް ބަޔާންކޮށްފައިވާތީ، އެ ބޯޑުގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންފައިވާތީ އެވެ.
“އެހެންކަމުން، މާދަމާ، ދެހާސްއެގާރަވަނަ އަހަރުގެ އޭޕްރިލް މަހުގެ އެގާރަވަނަ ދުވަހުން ފެށިގެން އެމެރިކާ ޑޮލަރަށް ނިސްބަތްކުރާއިރު، ދިވެހިރުފިޔާގެ އަގަކީ 12.85 ރުފިޔާއަށްވުރެ ވިހި އިންސައްތަ ދަށްނޫން އަގެއް ކަމަށާއި އަދި ވިހި އިންސައްތަ މަތިނޫން އަގެއް ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިޢުލާން ކޮށްދެއްވުމަށް އެދިވަޑައިގެން އެ އޮތޯރިޓީގެ ގަވަރނަރަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ސިޓީފުޅެއް ފޮނުއްވައިފި” ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.
ރައީސްގެ މިނިންމެވުމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އެގޮތަށް ފާސްކޮށް ރައީސްގެ ނިންމެވުމާއި އެއްގޮތަށް އަމަލުކުރުމަށް އަންގާ އިއުލާނުކޮށްފައެވެ.
ޑޮލަރުގެ އަގަށް މިގެނެވުނު ބަދަލާގުޅިގެން މަތިވެގެން 15.42ރ. އަށް އަދި ދަށްވެގެން 10.28ރ. އަށް މާދަމާ އިން ފެށިގެން ޑޮލަރު ވިއްކޭނެ އެވެ.
ރައީސް ނަޝީދު މިގޮތަށް ނިންމެވުމާގުޅިގެން ވިޔަފާރިވެރިންނާއި ބައެއް ސިޔާސީޕާޓީ ތަކުންވަނީ ވަގުތުން އެނިންމެވުން ބަދަލުކުރެއްވުމަށް ގޮވާލާފައެވެ. އަދި އެނިންމެވުމަކީ، ޒިންމާދާރުކަންކުޑަ އަދި ރާއްޖޭގެ އިގްތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ކުރިމަތިވެދާނެ ނިންމެވުމެއްކަމަށް އެފަރާތްތަކުން ބުނެއެވެ.