އުރަމަތީގެ ކެންސަރާ ބެހޭ ބޮޑު މަހާސިންތާއެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މި މަހާސިންތާއަކީ ރާއްޖޭގައި އޮޕަރޭޝަން ޑޮކްޓަރުންގެ ޖަމިއްޔާ އާއި އޭޝިއާގެ އުރަމަތީ ކެންސަރުގެ ބަލިތަކާ ބެހޭ ޖަމިއްޔާ ގުޅިގެން ބާއްވަން ހަމަޖެހިފައިވާ މަހާސިންތާއެކެވެ.
މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮކްޓޯބަރ މަހު 3، 4 އަދި 5 ވަނަ ދުވަހު އެވެ.
ދިވެހިރާއްޖޭގެ އިތުރުން މި ބައްދަލުވުމުގައި ދުނިޔޭގެ 10 ގައުމަކުން އުރަމަތިގެ ބަލިތަކަށް ހާއްސަ، ނަން މަޝްހޫރު އެތަށް ޑޮކްޓަރުންތަކެއް ބައިވެރިވެވަޑައިގަންނަވާނެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އޭޝިއާ ސަރަހައްދުގެ އުރަމަތިގެ ބަލިތަކައި ހާއްސަކޮށް އުރަމަތީގެ ކެންސަރާއި ބެހޭގޮތުން މަސްވަރާކޮށް، އެބަލިތަކަށް ހާއްސަ ފަރުވާތަކާއި މި ސަރަހައްދުގައި މި ބަލިތަކަށް ފަރުވާކުރުމުގައި ދިމާވާ ދަތިތަށް ފާހަގަކޮށް އެކަންކަމުގެ ހައްލު ހޯދުމުގެ ގޮތުން މަސްވަރާތައްކުރުމަށް ހަމަޖެހިފައިވާކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެ އެވެ.