twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިއްދޫ ހައުސިން ޔުނިޓްތައް ބަހަނީ ޝައްކު އުފެދޭގޮތައްކަމަށް ބުނެ، މައްސަލަ އޭސީސީއަށް

Oct 3, 2018

ހއ. ދިއްދޫގައި އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން، މިހާރު ބާކީ ހުރި 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހަމަ ވެފައިވާއިރު އެ ގެތައް ދޫކުރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް އެ މައްސަލަ ހުށަހެޅުއްވީ ހައުސިން ޔުނިޓްތައް ބަހަނީ ހައުސިން މިނިސްޓްރީގެ އިތުރުން ދިއްދޫގެ ފެނަކަ އޮފީހާއި އެ ރަށުގެ ޕީޕީއެމް އޮފީސް ގުޅިގެން ކަމަށް ވާތީ އެންމެ އިންސާފުވެރިކޮށް އެކަން ހިނގައިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ އެވެ.

އަލީ ހާޝިމް އޭސީސީ އަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަ ވެފައިވާއިރު ހައުސިން ޔުނިޓްތައް ހޯދުމަށް އެދި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ހުރިހާ ކަމެއް ކޮށްފައިވަނީ ފެނަކަ އޮފީހުން ކަމަށެވެ. އަދި އެ ކަމުގައި އެއްވެސް ވަރަކަށް ކައުންސިލް ބައިވެރިނުކުރާ ކަމަށް ހާޝިމް ވިދާޅުވި އެވެ.

އަލީ ހާޝިމް ހާމަކުރި ގޮތުގައި ހައުސިން ޔުނިޓްތައް ދޫކުރުމަށް މިނިސްޓްރީގެ ދެ މީހަކު އެ ރަށަށް މިހާރު އައިސް އެބަތިއްބިކަމަށެވެ. އެކަމަކު ހައުސިން ޔުނިޓަށް އެދި ހުށަހެޅި އެތައް ސަތޭކަ ބައެއްގެ ފޯމު އިވެލުއޭޓްކޮށް އިންސާފުވެރިކޮށް އެ ތަންތަން ބެހުމަކީ އެންމެ ދެތިން ދުވަހުގެ ތެރޭގައި ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވި އެވެ.

ދިއްދޫގައި އެޅި 250 ހައުސިން ޔުނިޓްތަކުގެ ތެރެއިން 140 ހައުސިން ޔުނިޓް ވަނީ މިދިޔަ އަހަރު ހައުސިން މިނިސްޓްރީން ދޫކޮށްފަ އެވެ. ހާޝިމް ހާމަ ކުރި ގޮތުގައި މިނިސްޓްރީން އެކަން ވެސް ކޮށްފައިވަނީ ވަރަށް ބޭއިންސާފުންނެވެ. އެގޮތުން ހައުސިން ޔުނިޓްތައް ލިބެން ޖެހޭ އެންމެ ހައްގުވެރިން މަހުރޫމްކޮށް ޕީޕީއެމްގެ ބޮޑުން ބޭނުންވާ ގޮތަށް ހައުސިން ޔުނިޓްތައް ބަހާލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ދިއްދޫގައި އަޅާފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދޫކުރި 140 ހައުސިން ޔުނިޓްގެ މައްސަލަ ވެސް ހާޝިމް މީގެ ކުރިން އޭސީސީ އަށް ހުށަހަޅުއްވި އެވެ. އަދި އެ ހައުސިން ޔުނިޓްތައް ލިބޭ މީހުންގެ ލިސްޓެއް ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައި ވަނިކޮށް އެ ލިސްޓާ ހިލާފަށް އަލުން ލިސްޓެއް ތައްޔާރުކޮށް ނެރޭނެ ކަން ދޭހަވާ ފަދަ ގޮތަކަށް އާންމުންނަށް ސިޓީ ފޮނުވި ކަމަށް ބުނެ ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ. އަދި ފަހުން އޭނާ ހައްޔަރުކޮށް އެ މައްސަލައިގައި ދައުވާ ވެސް ކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355