twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީ ސްކޫލްތަކުގައި ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

Oct 5, 2018

ކުޅުދުއްފުށީ ސްކޫލުތަކުގައި ޓީޗަރުންގެ ދުވަސް މިއަދު ކުލަ ގަދަކޮށް ފާހަގަ ކުރަމަށް އެކި ހަރަކާތްތައް ރޭވިފައިވާ ކަމަށް ސްކޫލުތަކުން ބުނެފި އެވެ.

ޓީޗަރުންގެ ދުވަހަކީ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހެވެ. އެހެންނަމެސް 5 ވަނަ ދުވަސް ބަންދު ދުވަހަކާއި ދިމާވާތީ ޓީޗަރުންގެ ދުވަސް ފާހަގަ ކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ.

އެގޮތުން ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުން ވަނީ ހެނދުނު ކޮންމެ ޓީޗަރެއް ރިސީވް ކުރުމަށް ހުރިހާ ޓީޗަރުންގެ ގެއަށް ހަދިޔާ އާއިއެކު ބެލެނިވެރިޔަކު ފޮނުވާފަ އެވެ. އަދި ހުރިހާ ޓީޗަރުން ސްކޫލަށް ވަދެފައިވަނީ ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތާއި އެކުއެވެ. ޓީޗަރުންނަށް ހާއްސަކޮށް އެސެންބްލީއެއް ބާއްވާފައިވާއިރު އެސެމްބްލީގައިވަނީ ޓީޗަރުންގެ އަގުވަޒަންކޮށް ޝޭސް އެއް ހަވާލުކޮށްފަ އެވެ.

އަދި ހަވީރު ސްކޫލް މުވައްޒަފުންނާއިއެކު ހާއްސަ ކުޅިވަރު ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިރޭ ޓީޗަރުންގެ ހުނަރު ދައްކާލުމުގެ ހާއްސަ ހަރަކާތަކާއި އެކު ޑިނާ ނައިޓެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ޖަލާލުއްދީން ސްކޫލުގައިވެސް ހާއްސަ އެސެންބްލީއެއް ބާއްވާފައިވާއިރު މިރޭ ހާއްސަ ޑިނާރ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެެވެ. އަދި ހުކުރު ދުވަހު އެ ސްކޫލްގެ ރެކްރިއޭޝަން ކްލަބުގެ ފަރާތުން ޓީޗަރުންނަށް ހާއްސަކޮށް މޫދު ކަސްރަތު ޕްރޮގްރާމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އަމީރު އަމީން ސްކޫލުންވެސް ވަނީ ޓީޗަރުންގެ ދުވަހަށް ހާއްސަކޮށް އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ދެ ދަންފަޅީގެ ޓީޗަރުންނަށް ވަކިވަކިން މަރުހަބާ ކިޔާފައި ވެއެވެ. އަދި ހުރިހާ ޓީޗަރުން އެއްކޮށް ކޭކެއް ފަޅާފައިވައިރު ބެލެނިވެރިން ވަނީ ކްލާސްތައް ޒީނަތްތެރިކޮށް ޓީޗަރުންނަށް ވަކިވަކިން ހާއްސްކޮށް ޕާޓީއެއް ކުރިއަށް ގެންގޮސްފަ އެވެ.

އަދި ކޮންމެ ދަރިވަރަކުވަނީ ހާއްސަ މެސެޖަކާއިއެކު ކޮންމެ ޓީޗަރަކަށް މަލެއް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުންވެސް ހާއްސަ ސަޕްރައިޒެއް ރޭވިފައިވާކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ އޭއީސީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން–

ހދ އަތޮޅު ތައުލީމީ މަރުކަޒުގައިވެސް ވަނީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސްޓާފުންނަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު ހާޒިރީން ސަތޭކަ ޕަސެންޓް ހޯދި މުވައްޒަފުންނަށް ސީލްޑް ހަވާލުކޮށްފައިވާއިރު ހެނދުނުގެ ނާސްތާއެއްވެސް ވަނީ ބާއްވާފަ އެވެ. އަދި މުވައްޒަފުންގެ މެދުގައި ހަދިޔާ ބަދަލުކޮށްފައިވާއިރު ޕީޓީއޭގެ ފަރާތުން ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ވަނީ ހަދިޔާއެއް ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355