އިބްރާހިމް ހަމީދު
އެމްޑަބުލިޔުއެސްސީން ކުޅުދުއްފުށީގެ ބަނދަރުގައި ބަހައްޓާފައިވާ ވޯޓަރ ކިއޮސްކް އޮޕަރޭޓް ކޮށް ހިންގުމުގެ ފުރުޞަތު އާއްމުފަރާތްތަކަށް ހުޅުވާލައިފިއެވެ.
ކުޅުދުއްފުށީގައި ފެނުގެ ހިދުމަތް ދެމުންދާގެންދާ އެމްޑަބުލިޔުއެސްސީ އިން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށީގައި އެކުންފުނީގެ ފަރާތުން ފެންވިއްކާ ކިއޮސްކް އޮޕަރޭޓް ކޮށް އެކުންފުނިން ހަމަޖައްސާފައިވާ ރޭޓަށް ފެން ވިއްކާނެ ބަޔަކު ބޭނުންވާ ކަމަށެވެ.
އެގޮތުން އޭޕްރީލްމަހު 17 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މާލޭގައި ހުންނަ އެކުންފުނީގެ މައިއޮފީހުގެ 06 ހަވަނަ ފަންގިފިލާއަށް ގޮސް މަޢުލޫމަތު ސާފުކުރެއްވުމަށްފަހު 24 އޭޕްރީލްވާ އާދިއްތަދުވަހުގެ 16:00 އަށް އަންދާސީ ހިސާބު ހުށައެޅުމަށް އެކުންފުނިން ނެރެފައިވާ އިއުލާނުގައި ވެއެވެ.
އެމްޑަބްލިޔުއެސްސީން ކުޅުދުއްފުށީގައި ފެނުގެ ހިދުމަތް ދޭން ފެށުމާގުޅިގެން ގިނަ ބަޔަކު ވަނީ އެހިދުމަތަށް އެދި ހުށަހަޅާފައެވެ. ކުޅުދުއްފުށީ ބަނދަރުގައި އެކުންފުނިން ބެހެއްޓި ކިއޮސްކް ގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ރައީސުލްޖުމުހޫރިއްޔާ މިދިޔަ ހަފްތާގައި ކުޅުދުއްފުއްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
އެކުންފުނިން ފެން ޓަނެއް 100 ރުފިޔާއަށް ވިއްކާއިރު ލީޓަރެއް ލިބެނީ 10 ލާރީގެ ރޭޓުންނެވެ. އެއްޓަނަށްވުރެ މަދުން ބޭނުންވާ ފަރާތްތަކަށް އެހިދުމަތްވެސް ކުޅުދުއްފުށީގައި ހުންނަ އެކުންފުނީގެ ކައުންޓަރުން ހަމަޖެހޭނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.