twitterviber whatsapp telegramfacebookyoutube instagram
18th April 2024

މިއީ ނަމޫނާ މަންޒަރުތަކެއް، ކޮންމެ މުޖުތަމައުއަކުވެސް ފެންނަން ޖެހޭ !

Oct 15, 2018

ކޮންމެ މުޖުތަމައުގައި ހާއްސަ އެހީތެރިކަމާ އަޅާލުން ބޭނުންވާ ބަޔަކު އުޅެ އެވެ. ލޮއެބާ އަޅާލުން އިންތިހާއަށް ބޭނުންވެ އެވެ. މުޖުތަމައުގައި އެންމެންގެ ބައިވެރިވުމާއެކު އުޅެން ބޭނުންވެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ދޭތެރޭ ދެކެމުންދާ ނުރަނގަޅު އާދަ މިހާރު ރާއްޖެއިން ދަނީ ނެތެމުންނެވެ. ރަށްރަށުގެ މުޖުތަމައުތަކުން ފެންނަމުންދާ މިފަދަ ހިތްގައިމު މަންޒަރުތަކުން އެކަންތަކަށް އިތުރަށް ބާރު ލިބިދެ އެވެ.

ނޮޅިވަރަންފަރު ސްކޫލުގެ ޓީޗަރުން ހިމެނޭގޮތަށް އެރަށު ސްކޫލުގެ މުވައްޒަފުން މިވަނީ އެރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ގެތަކަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު ބަލައި ހަދިޔާ ދީފަ އެވެ.

މިހަރަކާތުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ދިރިއުޅޭ ހުރިހާ ގެތަކަށް ވަނީ ޒިޔާރާތްކޮށްފަ އެވެ. މި ޒިޔާރަތުގައި އެފަދަ ފަރާތްތަކާއެކު އުފާވެރި ވަގުތުކޮޅެއްވެސް ވަނީ ހޭދަކޮށްފަ އެވެ.

މިހަރަކާތާ ބެހޭގޮތުން ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވީ ސްކޫލުގައި ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގުރާމެއް ނިންމާލުމަށްފަހު މުއައްޒަފުން ނިންމީ، ރަށުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ކުދިން ކައިރިއަށް ޒިޔާރަތްކުރަން ކަމަށާއި އެގޮތުން މަތިން އެކުދިން ގޭތަކަށް ޒިޔާރަތްކޮށް ވަގުތުކޮޅެއް ހޭދަކޮށްލީ ކަމަށެވެ.

ނޮޅިވަރަންފަރު ސްކޫލުގެ މުވައްޒަފުން އެރަށުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގެތަކަށް ޒިޔާރަތްކޮށް ބައްދަލުކުރަނީ–

“މުޖުތަމައުގެ އުފާވެރިކަން-އަޅުގަނޑުމެންގެ ބައިވެރިވުން” މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މިހަރަކާތް ކުރިއަށް އޮތްތަނުގައި ދޭތެރެ ދޭތެރެއިން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އަލީ ވިދާޅުވި އެވެ.

” ތަފާތު އެކި ސަބަބުތަކާ ހެދި ބޭރަ ނުނިކުމެވޭ. ނޫންނަމަ ނުނެރެވޭ ކުދިންވެސް ހިމެނޭ. އަޅުގަނޑުމެންގެ ލޮލަށް ދުވަހަކު ނުފެންނަ ކުދިންނާވެސް ބައްދަލުވި. ވަރަށް އުފާވެރި އިހްސާސެއް ކުރެވިގެންދިޔަ އެފަދަ ކުދިންނާ ބައްދަލުވުމުން.” ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ނޮޅިވަރަންފަރު ސްކޫލުގެ މުވައްޒަފުން އެރަށުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގެތަކަށް ޒިޔާރަތްކޮށް ބައްދަލުކުރަނީ–

އޭނާ ވިދާޅުވީ އެފަރާތްތަކުގެ މޫނު މަތިންވެސް ވަރަށް އުފާވެރިކަން ފެނިގެންދިޔަކަމާއި މިގޮތަކަށް ބަޔަކު އެކުދިންގެ ކައިރިއަށް ޒިޔާރަތްކުރާނެކަމަށް އެކުދިންނަށް ގަބޫލުވެސް ނުކުރެވުނު ކަމަށެވެ.

” އެކުދިންގެ ބެލެނިވެރިންނަކަށްވެސް އަޅުގަނޑުމެން ނާނގަ ދިޔައީ. ބެލެނިވެރިންވެސް ވަރަށް ޝުކުރުއަދާކުރި މިފަދަ ކަމެއް ކުރިއަށްގެންދިޔައީމަ. އަޅުގަނޑުމެން ދެން މިއަޒުމު ކަނޑައެޅީ ސްކޫލުގެ މުވައްޒަފުން އެފަދަ ކުދިން ކައިރިއަށް ދޭތެރެ ދޭތެރެއިން ޒިޔާރަތްކުރަން.” އަލީ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 23 ކުދިންގެ ކައިރިއަށް ޒިޔާރަތް ކުރިއިރު މީގެ ތެރެއިން ގިނަ ކުދިންނަކީ ބަލި ހާލަތު ހުރިގޮތުން ސްކޫލަށް ނުދެވޭ ކުދިންނެވެ . އަދި އެކި ސަބަބުތަކާ ހެދި ބޭރަށްވެސް ނުނިކުމެވޭ ކުދިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355