ވިލާ ކޮލެޖުގައި 2019 ވަނަ އަހަރު ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް, ދިވެހި، ހިއުމަން ރިސޯސް، ނާސިން، އިކޮނޮމިކްސް، އެކައުންޓިންގ، ޓޫރިޒަމް، ހޮސްޕިޓަރލިޓީ، ޕަބްލިކް ހެލްތް، ރިސާރޗް، މާކެޓިންގ، މެރިން ސްޓަޑީސް، ޑައިވިން އަދި ވޯޓާރ ސްޕޯޓްސްގެ ދާއިރާއިން ޖުމްލަ 97 ކޯހެއް ހިމެނެއެވެ.
މިގޮތުން މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 13 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 8 ކޯހަކާއި، ޑިގްރީ ފެންވަރުގެ 20 ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ 2 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 16 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 12 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 12 ކޯހެއްގެ އިތުރުން މެރިން ސްޓަޑީސް ދާއިރާގެ 11 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އަދި ޑިގްރީ ކޯސްތައް ހިމެނެއެވެ.
ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް، ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ) އަދި ވިލާ ކޮލެޖު މަހިބަދޫ ކެމްޕަސްގައިވެސް މި ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މުޅިން އަލަށް އޭސީސީއޭ ގެ ނޮލެޖް ލެވަލް ކޯސްތަކެއް މި ޖެނުއަރީ އިންޓޭކުގައި ވިލާ ކޮލެޖު ހިތަދޫ ކެމްޕަހުގައި ފެށޭނެއެވެ.
ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ، މާސްޓާރސް، ޑިގްރީ އަދި ޕްރޮފެޝަނަލް ފެންވަރުގެ ކޯސްތަކަށް 27 ޑިސެމްބަރ 2018 އަދި މިނޫން ކޯސްތަކަށް 31 ޖެނުއަރީ 2019 އެވެ.
ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ ފުރަތަމަ ދެހަފްތާ ތެރޭގައެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ އިންތިޒާމްވެސް ސެޕްޓެމްބަރ 2017 އިން ފެށިގެން ވަނީ ހަމަޖެހިފައެވެ.