twitterviber whatsapp telegramfacebookyoutube instagram
7th June 2025

އީސީން އާންމުކުރި އަދަދަކީ ހަގީގީ އަދަދެއް ނޫން ކަން ޝައްކެއް ނެތް މިންވަރަށް ގަބޫލު ކުރެއްވޭ: މުއިއްޒު

Oct 17, 2018

ނިމިގެން މިދިޔަ ރިޔާސީ އިންތިހާބުގައި އިލެކްޝަން ކޮމިޝަނުން އާންމުކުރި އަދަދަކީ ރައްޔިތުންގެ ވޯޓަކުން ނިމިގެން ދިޔަ ނަތީޖާއެއް ނޫންކަން ގަބޫލް ކުރެވޭވަރުގެ ހެކި ހާމަވެފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމުން ގެނެސްދޭ “އެންމެ ފުރަތަމަ ގައުމު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮތީ އުފައްދާފައި ކަމަށާއި، ނަތީޖާ އިން އެ ދައްކަނީ ހަގިގީ އަދަދެއް ނޫން ކަމަށެވެ.

މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ބޮޑު ތަފާތަކުން ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ޔާމިންގެ މައްޗަށް ކުރި ހޯދާފައިވާއިރު އިންތިހާބު ގަބޫލްކޮށް ރައްޔިތުންގެ ނިންމު ގަބޫލް ކުރާކަމަށް ރައީސް ޔާމިން ވަނީ ކުރި ވިދާޅުވެފައެވެ. ނަމަވެސް ފަހުން ނަތީޖާ ގަބޫލްނުކޮށް އިންތިހާބު ބާތިލުކޮށް އަލުން އިންތިހާބެއް ބޭއްވުމަށް އީސީގެ މައްޗަށް އަމުރެއްނެރެދިނުމަށް އެދި ރައީސް ޔާމިން ގެ ފަރާތްތަޕުޅުން ސްޕުރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ވަނީ ނިންމާލާފަ އެވެ.

މުއިއްޒު ވިދާޅުވީ މިކަންތައް އިންސާފުގެ ތިލަފަތައް ގެންދަން ބޭނުންވަނީ ރައްޔިތުންގެ ހައްގުގައި ގޮތެއް ނިންމަން ކަމަށާއި ނުވަދިހަ ހަ ހާސް ވޯޓު، އެއް ލައްކަ ތިރީސް ހަތަރު ހާސް ވޯޓަކީ ގަބޫލު ކުރާ ގޮތުގައި ހަގީގީ ނަތީޖާތަކެއް ނޫން ކަމަށެވެ.

މިއީ ގައުމުގެ މުސްތަގުބަލާ ވެސް ގުޅިފައި އޮތް ކަމެއް ކަމަށާއި މި ކަންކަމާ އަޅާނުލައި ދޫކޮށްލައިފި ނަމަ އެއީ ގައުމަށް ވެވޭނެ ވަރަށް ބޮޑު ހިޔާނާތަކަށް ވާތީވެ ރައީސް ޔާމީން އެ ކަން ނެންގެވީ ޒިންމާދާރުކަމާއި އިހްލާސްތެރިކަމާ އެކުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އިންތިހާބުގެ ކަންކަން އޮތީ ގޯސްކޮށް ކަން ސާފުކޮށް އެނގޭ ކަމަށާއި އަދި އިންތިހާބު ބާތިލު ކުރި ނަމަވެސް ބައިނަލްއަގުވާމީ ފަރާތްތަކުން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންތިޚާބު ބާތިލު ކުރުމަށހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ނިންމައިލީ ވޯޓު އޮޅުވާލާފައިވާ ކަން ސާބިތު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅަން ބޭނުންވި ތިން ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަން އެވެ. އަދި މައްސަލަ ދިރާސާ ކުރުމުގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހިއްޖެ ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355