twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން: އަދުރޭ

Oct 18, 2018

ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހި ސާބިތުކަމާއެކު ދެމިތިބޭނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓް އޮޅުވާލިކަމަށް ބުނެ ޕީޕީއެމް އޮފީސް ކައިރީގައި ކޮންމެ ރެއަކު ބާއްވަމުންގެންދާ އިހްތިޖާޖުގައި ވާހަކަދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ މިކުރާ މަސައްކަތްތަކީ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއްކަމަށާއި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެކަމަށެވެ. މިދަތުރުގައި އެންމެ ކުރީގައި ހުންނަވަނީ ރައީސް އަބުދުއްﷲ ޔާމީންކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބު އޮޅުވާލާފައިވާކަމަށް ވިދާޅުވަމުން އަބުދުއްރަހީމް ވިދާޅުވީ އެޖަރީމާ ތަހްގީގުކުރެވެން ޖެހޭނެކަމަށާއި އެއީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. ރައީސް ޔާމީން އަބަދުވެސް ހުންނަވާނީ ދިވެހި ރައްޔިތުންނާއެކު މިގައުމުގަކަމަށާއި ދިވެހި ރައްޔިތުންނަށްޓަކާ މިގައުމުގެ ހައްގުގައި ވެވަޑައިގަންނަވަން ޖެހޭ ކޮންމެ ގުރުބާނީއެއް ރައީސް ޔާމީން ވެވަޑައިގަންނަވާނެކަމާ މެދު ދިވެހި ރައްޔިތުން ޝައްކުކުރާނެ ޖާގައެއް ނޯނާނެކަމަށްވެސް އަބުދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ގައުމަށް ހިދުމަތް ކުރައްވަން ލިބުނު ފުރުސަތުގައި ރައްޔިތުން އުންމީދު ނުކުރާ ވަރުގެ ބޮޑެެތި ތަރައްގީގެ މަޝްރޫއުތައް ހިންގާ، ރާއްޖެއަކީ ފުދުއްތެރި ގައުމަކަށް ހައްދަވާދެއްވާފައިކަމަށް އަދުރޭ ވިދާޅުވި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ކުޑަ ކެކުރިއެއް ބޮޑު ކެކުރިއަށް ނުބަލައި އެންމެ މެދުގައި ހަމަހަމައަށް އުދުލް އިންސާފު ގާއިމުކޮށް، ގާނޫނީ ވެރިކަމެއްކޮށްފައިވާކަމަށް އަބުދުއް ރަހީމް ވިދާޅުވި އެވެ.

ގައުމު ދޫކުރައްވައި ރައީސް ޔާމީން ފިއްލަވަން އުޅޭކަމަށް ބުނެ ދައްކާ ވާހަކަތަކަށްވެސް އަދުރޭ ވަނީ ރައްދުދެއްވާފަ އެވެ. ރައީސް ޔާމީން ގައުމު ދޫކުރައްވާ ނުފިއްލަވާނެކަމަށާއި އެމަނިކުފާނަކީ އެއަށްވުރެ ބޮޑަށް ގައުމު ދެކެ ލޯބިފުޅުވާ ބޭފުޅެއްކަމަށް އަބުދުއް ރަހީމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355