twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަންނަ އަހަރު ހދ އޭއީސީގައި ގުރޭޑް 9 އުފައްދާއިރު ޖާގައިގެ ދަތިކަން އިންތިހާއަށް، ވަސީލަތްތަކެއްވެސް ނެތް !

Oct 18, 2018

ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒަކީ އަތޮޅުތެރޭގައި ހުރި ސްކޫލުތަކުގެ ތެރެއިން އާބާދީ ބޮޑު ސްކޫލެކެވެ. 2017 ވަނަ އަހަރުވެސް 1100 ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރި އެސްކޫލަކީ ގުރޭޑް 7 ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. ނަމަވެސް ޖެހިގެން އޮތް ޖަލާލުއްދީން ސްކޫލަކީ ހަމައެކަނި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރުމަށް އެޑިއުކޭޝަން ނިންމާ އެކަން މިޔަ އަހަރު އިއުލާންކުރި އެވެ.

ގުރޭޑް 8-12 ކިޔަވައިދޭ ޖަލާލުއްދީން ސްކޫލުން އަހަރަކު ގުރޭޑް ހދ އޭއިސީއަށް ބަދަލުކުރަމަށް ނިންމި އެވެ. އެގޮތުން އަހަރަކު ގުރޭޑެއް ބަދަލުކުރަމުންގޮސް 2020 ވަނަ އަހަރު ޖަލާލުއްދީން ސްކޫލަކީ ހަމައެކަނި އޭލެވެލް ކިޔަވައިދޭ ސްކޫލަކަށް ބަދަލުވާނެ އެވެ. އަދި ހަމަ ހދ އޭއީސީއަކީ ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 10 ކިޔަވައިދޭ ސްކޫލަކަށް ބަދަލުވެގެންދާނެ އެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށިގެން ދިޔައީ މިބަދަލާއެކު އެވެ. ޖަލާލުއްދީން ސްކޫލުން 8 އުނިކޮށް އޭއީސީގައި އެގުރޭޑަށް ކިޔަވައިދޭން ފެށި އެވެ.

ޖާގައިގެން މައްސަލަ ކުރިމަތިވެފައިވާ އޭއީސީއަށް މިބަދަލުވެގެންދިޔައީ ޖާގައިގެ ގޮތުން އިތުރު ބުރައަކަށެވެ. ޖުމްލަ 1300 ވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ ކިޔެވުން ނިމިގެންދާއިރު ޖާގައިގެ މައްސަލަ ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް ކަމެއްކޮށްފައިވާ މަންޒަރެއް ނުފެނެ އެވެ. ނަމަވެސް އޭއީސީއަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް މިއަހަރުވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި އެވެ. ނަމަވެސް އެކަމުގެ އެއްވެސް އަމަލީ މަސައްކަތެއް ނުފެށި އުޅެނިކޮށް މިއަހަރު ނިމެނީ އެވެ. މިނިސްޓްރީން ނިންމާފަ އޮތްގޮތުން ނަމަ އަންނަ އަހަރު ގުރޭޑް 9 އަކަށް ކިޔަވައިދޭން އޭއީސީގައި ފަށާނެ އެވެ.

އޭއީސީގެ ގުރޭޑް 8 ބެލެނިވެރިޔަކު ބުނީ ދަރިފުޅު ސްކޫލަށް ލައިގެން މިކުރެވުނީ އަހަރެއް ބޭކާރުކަމަށެވެ. އެ ގުރޭޑް އުފެއްދިއިރު އެސްކޫލުގައި އެފަދަ ގުރޭޑަކަށް ބޭނުންވާ ވަސީލަތްތަކާއި ތަޖުރިބާ ލިބިފައި ތިބި ޓީޗަރުންނެއް ނެތްކަމަށެވެ. ސާނަވީ ކިޔަވައިދޭ ސްކޫލެއް ޖެހިގެން އޮތްއިރު މިގެނައި ބަދަލަކީ އެއް ގޮތަކަށްވެސް ރަނގަޅު، ހެޔޮ ބަދަލެއް ނޫންކަމަށް އެސްކޫލުގެ އެެހެން ބެލެނިވެރިޔަކު ބުންޏެވެ.

މިމައްސަލަތައް ހައްލުކޮށްދިނުމަށް ސްކޫލުގެ މެނޭޖްމަންޓާވެސް ބަދަލުކޮށް ވާހަކަ ދައްކާފައިވާކަމަށާއި އަދި އެޑިއުކޭޝަންއާ ވެސް މިމައްސަލަ ހިއްސާކޮށްފައިވިޔަސް ހައްލު ލިބިފައިނުވާކަމަށް އެ ބެލެނިވެރިން ބުންޏެވެ. މިކަމުގެ ސަބަބުން ދެ ސްކޫލުގެވެސް ފެންވަރު ދަށް ވެގެންދާނެކަމަށް ބެލެނިވެރިން ބުނެ އެވެ.

މިއަހަރު ގުރޭޑް 8 އޭއީސީގައި އުފައްދާ ކިޔަވައިދެމުންދާއިރު ކިޔަވަން މިރަށަށް ބަދަލުވާން ބޭނުންވާ ބައެއް ކުދިންނަށް ފުރުސަތު ދީފައިނުވާކަމަށް ބެލެނިވެރިން ބުންޏެވެ. އޭނާ ބުނީ އޭއީސީގައި މަތީ ގުރޭޑްތަކުގެ ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތައްވެސް ފުރިހަމަވެފައިނުވާ ކަމަށެވެ. އެގޮތުން ލެބޯޓަރީގެ ހިދުމަތް ފާހަގަކުރި އެވެ.

ހަމައެކަނި އޭލަވަލްއަށް ކިޔަވައިދޭ ސްކޫލަކަށް ޖަލާލުއްދީން ބަދަލުކުރުމުން ކުދިން މަދުވެ އުވާލަ ދާނެ އަޑުތަކެއް ފެތުރުމުން އޭރު އެޑިއުކޭޝަން ބުނެފައިވަނީ ސްކޫލް އުވައެއް ނުލާނެ ކަމަށާއި ބަދަލުތަކާއެކު ތައުލީމީ އާ ފުރުސަތުތަކެއް ޖަލާލުއްދީންގައި ފަހިވެގެންދާނެ ކަމަށެވެ. މިމައްސަލަތައް ހައްލުނުކޮށް އަންނަ އަހަރު ގުރޭޑް 9 އަކަށް އޭއީސީގައި ކިޔަވައިދޭން ފަށައިފިނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355