މައުލޫމާތު ހާމަކުރުމުގެ ” ރަންވަނަ 2018 ” ތިން އިދާރާއަކުން ހާސިލްކޮށްފިއެވެ.
މިނިވަން މުއައްސަސާތަކުގެ ތެރެއިން “ރަންވަނަ- 2018” ހާސިލުކޮށްފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މަގާމު ހޯދާފައި ވަނީ އެ ކަމަށް ހުޅުވައިލި ފުރުސަތުގައި އެ ކަމަށް އެދި ހުށަހެޅި އިދާރާތަކާ ވާދަކޮށް މައުލޫމާތު ހާމަކުރުމުގައި މިނިވަން މުއައްސަސާތަކުގެ ގިންތީން އެންމެ މަތިން މާކްސް ހޯދައިގެންނެވެ. މިއީ މި އިނާމު އެ ކޮމިޝަނުން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ.
ލޯކަލް ކައުންސިލްތަކުގެ ގިންތީން އެންމެ މަތިން މާކްސް ހޯދައިގެން “ރަންވަނަ- 2018” ހާސިލުކުރީ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުންގެ އިދާރާއެވެ. މިއީ އެ އިދާރާ މި ވަނަ ހޯދި ދެވަނަ އަހަރެވެ.
ސަރުކާރުގެ އިދާދާތަކުން “ރަންވަނަ” ހޯދާފައިވަނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއެވެ. މިއީ، ސަރުކާރުގެ އިދާރާތަކުގެ ބައިން “ރަންވަނަ” ހޯދި ފުރަތަމަ އިދާރާއެވެ.
މިއިދާރާތަކަށް “ރަންވަނަ” ހަވާލުކޮށްދެއްވާފައިވަނީ، ހަފުލާގެ ޝަރަފުވެރި މެހުމާނު އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތެވެ.
ރަންވަނައަށް ލިބެނީ އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުތަކުން 85 އަށް ވުރެ މަތީން އެ އިދާރާއެއް ހިމެނޭ ގިންތިއަކުން އެންމެ މަތީން މާކުސް ހޯދާ އިދާރާއަކަށެވެ. އަދި ވެބްސައިޓު ދަރަޖަ ކުރުމުން ވެސް 1 ވަނަ ދަރަޖަ ހާސިލުކޮށްގެންނެވެ.
‘މައުލޫމާތު ހާމަކުރުމުގެ ރަންވަނަ އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލް އަޤުވާމީ ދުވަސް ފާހަގަކުރުމަށްޓަކައި، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ބޭއްވުނު ހަފްލާގައި އިންފޮމޭޝަން ކޮމިޝަނަރު އިއުލާން ކުރެއްވި ޝަރަފުވެރި އެވޯޑެކެވެ.
މި އިނާމު ތައަރުފުކުރުމުގެ މައިގަނޑު މަޤުސަދަކީ ޤާނޫނު ނަންބަރު 2014/1 ގައިވާ ގޮތުގެމަތީން ދައުލަތުގެ އެންމެހައި ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުމެވެ. ހަމައެއާއި އެކު ހަވާލާ ދެވުނު ޤާނޫނުގެ 37 ވަނަ މާއްދާއާއި 39 ވަނަ މާއްދާގައި ވާފަދައިން އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން މައުލޫމާތު ހާމަކުރުމަށާއި މައުލޫމާތު ފެތުރުމަށް ހިތްވަރުދިނުމެވެ.
ރަންވަނައަށް ހޮވޭ ފަރާތެއް ކަނޑައެޅުމުގެ މަސައްކަތް ކޮށްފައިވަނީ އެކަމަށް އެކުލަވައިލެވުނު ކޮމިޓީއަކުންނެވެ.