twitterviber whatsapp telegramfacebookyoutube instagram
24th April 2024

ފަތުރުވެރިކަމުގެ ސިނާއަތަށް ދަރިވަރުން އަހުލުވެރިކުރުމުގެ ހަރަކާތެއް ހިންގައިފި

Oct 20, 2018

ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ ހިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ސްކޫލްތަކުގެ ދަރިވަރުން ދީފިއެވެ.

މިއަދު ސްކޫލްތަކުގެ ދަރިވަރުން ރިސޯޓުތަކަށް ގެންގޮސް އެތަންތަނުގައި ދޭ ހިދުމަތް އެކުދިންނަށް ދައްކާލުމުގެ ހާއްސަ ހަރަކާތެއް ޓޫރިޒަމް މިނިސްޓްރީން ކުރިޔަށް ގެންދިޔެއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ފަތުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ކުރިޔަށްދާގޮތް ދައްކާލުމަށްޓަކާ ޓުއަރިޒަމް މިނިސްޓްރީންދަނީ ކޮންމެ އަހަރަކުވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ދަރިވަރުން އަހުލުވެރިކުރުމުގެ ދަތުރުތަކެއް ރާވަމުންނެވެ. މިހަރަކާތުގެ ތެރެއިން ރާއްޖޭގެ ރިސޯޓުތަކަށް ދަރިވަރުންނަށް ޒިޔާރަތްކުރުމުގެ ފުރުސަތު މިވަނީ ދީފައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ޑިރެކްޓަރ ޕްލޭނިން، އަލީ ޝިނާން ހާމަކުރެއްވި ގޮތުގައި ޓުއަރިޒަމް ޑޭ އާ ދިމާކޮށް، މިހަރަކާތް ކުރިޔަށް ގެންދާތާ މިއީ ހަތަރުވަނަ އަހަރެވެ. މި ޕުރޮގުރާމަކީ ކޮންމެ އަހަރަކުވެސް ޓޫރިޒަމް ޑޭއާ ދިމާކޮށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި އަތޮޅުތަކުގެ ސްކޫލް ކުދިންނާ އަމާޒުކޮށްގެން ހިނގޭ ޕުރޮގުރާމެކެވެ. އަތޮޅުތަކުގެ ކުދިންދާނީ އެރަށަކާ ކައަރީގަ ހުންނަ ރިޒޯޓަކަށެވެ. މާލެ، ހުޅުމާލެ އަދި ވިލިނގިލި ކުދިން ދާނީ މާލޭ އަތޮޅުގައި ހުންނަ ރިޒޯޓުތަކަށެވެ.

މިއަހަރުގެ ހަރަކާތުގައި ބާރަ އަތޮޅަކުން، ފަންސަވީސް ސްކޫލެއްގެ ތިންސަތޭކަ ނުވަދިހަ ހަތް ދަރިވަރުން ބައިވެރިވިއެވެ. މީގެތެރޭގައި މި ސްކޫލްތަކުގެ ގްރޭޑް އަށެއް އަދި ނުވައެއްގައި ކިޔަވާ ދަރިވަރުން ހިމެނެއެވެ. މިހަރަކާތުގައި ދަރިވަރުންނާއެކު ފަސްދޮޅަސް ނުވަ ޓީޗަރުންނާ، ތީރީސް ދެ ބެލެނިވެރިން ބައިވެރިވިއެވެ. ދަރިވަރުން އެކި ގްރޫޕުތަކައް ބަހާލައިގެން ތިރީސް ފަސް ރިސޯޓަކަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ގެންދިޔައެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ މިހަރަކާތަކީ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ އެތަންތަނުގެ އެކި ޑިޕާޓްމަންޓުތަކަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް ދަރިވަރުންނަށް އަންގައިދިނުމަށް ކުރިޔަށްގެންދާ ހަރަކާތެކެވެ. އަދި މިސިނާއަތައް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުމަކީވެސް މި ހަރަކާތް ކުރިޔަށްގެންދިއުމުގެ އެއް މަޤްސަދެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355