twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހައިކޯޓުގެ އުތުރު ގޮފި ހުޅުވައި ޝަރީއަތް ފަށައިފި

Oct 22, 2018

ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރުގޮފި ހުޅުވިގެން ދިޔައީ މިއަދު ހެނދުނު ބޭއްވި، އެ ގޮފީގެ ދިދަ ނެދުގުމުގެ ރަސްމިއްޔާތުންނެވެ. ދިދަ ނަންގަވައި ދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަދި ޝަރީޢަތް ފެށުމައްޓަކައި ވަޑައިގެންނެވި ވަފަދުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފެއްޓުނު، މި ރަސްމިއްޔާތުގައި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ހުސައިން ޒަކަރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީޢަތް ހިންގަން ފެށުމުން، މިސަރަހައްދުގެ ކޯޓުތަކުން ނިންމަވާ މައްސަލަތައް އިސްތިއުނާފް ކުރުމަށް ރައްޔިތުންނަށް ވަރަށްބޮޑަށް ފަސޭހަވެގެން ދާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި އުތުރު ގޮފީގައި ޝަރީއަތް ފެށިގެން މިދަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ އަގުހުރި މަސައްކަތުންކަން ފާހަގަ ކުރައްވައި އެ ދެބޭފުޅުންނަށް ޝުކުރުއަދާ ކުރެއްވި އެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތް ފެއްޓެވުމަށްޓަކައި ވަޑައިގެންނެވި ވަފުދުގެ ތިން ފަނޑިޔާރުންނަކީ، އަލްއުސްތާޛު ޢަބަދުﷲ ޙަމީދާއި އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި އަލްއުސްތާޛު ޢަލީ ސަމީރެވެ.

ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީޢަތް ފެށުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ކައުންސިލް އިދާރާގެ ރައީސުގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ ތެރެއިން ޕޮލިސް، ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓު އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ކުޅުދުއްފުށީ ގޮފީގެ  އިސްވެރިން ބައިވެރި ވެޑައިގެންނެވި އެވެ.

ހައިކޯޓުގެ އުތުރުގޮފީގެ ފުރަތަމަ ޝަރީޢަތް މަޖިލިސް ފެށިގެންދިޔައީ މިއަދު ހެނދުނު 9.00 ގައެވެ. ތަފާތު 7 މަސައްލައެއްގެ އަޑުއެހުން މިއަދު ކުރިއަށް ދާނެއެވެ. ވަފުދުގެ މަސައްކަތް މި މަހުގެ 25ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލު ކުރެވިފައިވެއެވެ.

ޝަރީޢަތްތައް ހައިކޯޓުގެ އުތުރު ގޮފީގައި ފެށިގެން މިދިޔައީ، ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިއްބެވުމުގެ ބަދަލުގައި، ގޮފިތަކަށް ވަފުދު ފޮނުއްވައިގެން ޝަރީޢާތް ހިންގެވުމަށް، މި އަހަރު ފެބެވަރުވަރީ މަހު ސުޕްރީމް ކޯޓުން ކަނޑައެޅުއްވުމާ ގުޅިގެންނެވެ.

ކުޅުއްދުއްފުށީގައި ޤާއިމު ކުރައްވާފައިވާ ހައިކޯޓުގެ އުތުރު ގޮފީން ބައްލަވަމުން ގެންދާނީ، ހއ، ހދ، ށ، ނ، ރ، އަދި ބ، މި އަތޮޅުތަކުގެ ރަށްރަށުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމަވާ މައްސަލަތުކުގެ ތެރެއިން އިސްތިޢުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ. ހައިކޯޓުގެ އުތުރު ގޮތްޕަށް މައްސަލަ ހުށަހެޅުމާއި މައްސަލަ ބަލައިގަތުމުގެ އިންތިޒާމު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން މިހާރުވަނީ ޤާއިމު ކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355