twitterviber whatsapp telegramfacebookyoutube instagram
25th April 2024

“ބާ ގެއެއްގެ އަގު ދީގެން އާ ގެއެއް ނެހެދޭނެ، އެއީ އަދުލުވެރި ބަދަލަކަށް ނުވާނެ”

Oct 22, 2018

ކުޅުދުއްފުށީ އެއާޕޯޓަށް އަރައި ގެތަކުގެ ތެރެއިން، ދައުލަތުން ދިން ބަދަލާ މެދު ހިތްހަމަނުޖެހިގެން ހައިކޯޓްގައި އިސްތިއުނާފުކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށްގެންގޮސްފި އެވެ. ބަދަލާ މެދު ހިތްހަމަނުޖެހިގެން އިސްތިއުނާފުކޮށްފައިވަނީ ކުޅުދުއްފުށީ، ޑޭޒީވިލާ/ އަލީ އިސްމާއިލް، އާއި އެރަށު ކުލަވަރުގެ، މޫސާ ހަސަން އެވެ.

ހައިކޯޓް އުތުރު ގޮފީގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެ މީހުންގެ ވަކީލް ޑރ މުހައްމަދު އިބުރާހިމް ވިދާޅުވީ މީގެ އެތަށް އަހަރުތަކެއް ކުރިން އިމާރާތްކޮށްފައިވާ ބާ ގެތަކެއް އަގު ދީގެން މިހާރު އެ ވަރުގެ ގެއެއްވެސް ނޭނޅޭނެކަމަށާއި އެމީހުންނަށް ދިނުމަށް ދައުލަތު ކަނޑައެޅި އަގުގައި ސަރުކާރުން އެވަރުގެ ގޯތިތަކެއް އިމާރާތްކޮށްދެއްވައިފިނަމަ އިސްތިނާފު މައްސަލަ ދޫކޮށްލަވާނެކަމަށެވެ.

ވަކިވަކިން ކުރިއަށް ގެންދިޔަ މި ދެ އަޑުއެހުމުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށް ބަލައި ކުޅުދުއްފުށީގައި އިމާރާތްކުރުމަށް ހިނގާނެ ހަރަދު އަލީ އިސްމާއިލްގެ ގޯތި އަލުން ބިނާކޮށް ފެށޭނެ ހަރަދު ދައުލަތުން ދެއްކުމަށް އަމުރުކޮށްދިނުމަށްވެސް އޭނާގެ ވަކީލް ކޯޓްގައި އެދިފައިވެ އެވެ.

ޝަރީއަތުގައި އަޑު އެހުމުގައި ވާހަކަދައްކަވަމުން ޑރ މުހައްމަދު  ވިދާޅުވީ ގެތަކުގެ ބަދަލު ކަނޑައަޅާފައިވަނީ ގާނޫނޫ އަސާސީގައިވާގޮތުން އަދުލުވެރި ބަދަލެއް ނުދީ ކަމަށެވެ. މިމައްސަލަ ދަށު ކޯޓުން ނިމިފައިވަނީ ޝަރުއީ ނުވަތަ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ބުނެ ނުގުތާތަކެއްވެސް ޝަރީއަތަށް ހުށަހަޅާފަ އެވެ. އެގޮތުން އަލީ އިސްމާއިލްގެ ގޯތީގެ ބަދަލުގެ ގޮތުގައި ކުޑަ އަދަދެއް ކަމަށާއި އެކަމަށް އިންކާރުކޮށްފައިވަނިކޮށް އެސަބަބު ކޯޓުން އޮޅުން ފިލުވުމެއް ނެތި އަދި އަލީ އިސްމާއިލްގެ ފަރާތުން ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ކޯޓުން 30 އޯގަސްޓްގައި ހުކުމްކޮށްފައިވާ 2 ސެޕްޓެމްބަރުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ގޯތި ހުސްކުރަން ރީޖަނަލް އެއާޕޯޓްސްއިން ނޯޓިސް ފޮނުވި އެމުއްދަތުގެ ތެރޭގައި ހުކުމުގައި ބަޔާންކޮށްފައިވާ ފައިސާ އާއި ބަދަލު ދޭން ކަނޑައެޅުނު ބިންވެސް ހަވާލުކޮށްފައިނުވާކަމަށް ޑރ މުހައްމަދު އިބުރާހިމް ވިދާޅުވި އެވެ. އެއީ ގާނޫނ އަސާސީގައި ބަޔާންކޮށްފައިވާ މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް އެ މުއްދަތުގައި ވެރި ފަރާތްތަށް ދިނުމަށްފަހު ކަމަށް ބަޔާން ކުރާ އުސޫލާ ހިލާފު އަމަލެއްކަމަވެސް އަލީ އިސްމާއިލްގެ ވަކީލް ވިދާޅުވި އެވެ.

ބަދަލުގެ ގޮތުން އަލީ އިސްމާއިލަށް ދައުލަތުން ހަވާލުކުރަން ނިންމާފައިވާ ބިމަކީ އަގު ބޮޑު ބިމެއްކަމަށް ރީޖަނަލް އެއާޕޯޓްސް އިން ތައްޔާރު ވެލުއޭޝަން ރިޕޯޓްގައި ފާހަގަކޮށްފައިވިޔަސް އެފަދަ ބިމެއް އޭނާއަށް ލިބިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި  އަލީ އިސްމާއިލް ދީފައިވަނީ ހިރަފުސް ދަނޑު ސަރަހައްދުން ކަމަށެވެ. އެސަރަހައްދަކީ ދިރުމެއް ނުވާ ސަރަހައްދެއްކަމަށާއި އެބިމާ މެދު އޭނާ ނުރުހޭކަމަށްވެސް ޝަރީއަތުގައި ހާމަކޮށްފައިވެ އެވެ.

އަލީ އިސްމާއިލް އާއި މޫސާ ހަސަންގެ ގޯތި އެހެން ބިމެއްގައި އެޅޭނެކަމަށް ކޮންޓްރަކްޝަން ގުރޫޕްތަކުން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކެއްވެސް ކޯޓަށް ހުށަހަޅާފައިވެ އެވެ.

މިމައްސަލާގައި ރައްދުދެއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވެފައިވަނީ ގޯތިތަކުގެ ވެލުއޭޝަން ރިޕޯޓް ތައްޔާރުކޮށްފައިވަނީ 6 މެމްބަރުންގެ މައްޗަށް އެކުލެވޭ ގާބިލް ޓީމަކުން ކަމަށާއި 18 ގޯތީގެ ތެރެއިން 16 ގޯތި ބަދަލު ދީ ނިންމާފައިވާއިރު އެއީ އެބަދަލަކީ އަދުލުވެރި ބަދަލެއްކަމުގައި ހެއްކެއް ކަމަށެވެ.

އެއާޕޯޓްގެ ރަންވޭގެ ފަހަތު ކޮޅުގައި ހުރި އަލީ ހަސަންގެ ގޯތި ހުރި ސަރަހައްދުތަކަކީ ބިމުގެ އަގުގެ ގޮތުން ދަށް ސަރަހައްދެއް ކަމަށާއި ނަމަވެސް އެގެ ބަދަލުގައި ދީފައިވަނީ ޓެކްސްގެ އަގު ބަލާނަމަ މިހާރުގެ ގޯތި ހުރި ބިމަށްވުރެ ދެގުނަ އަގުބޮޑު ބިމެއްކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ. އަދި ހިރަފުސް ދަނޑު ސަރަހައްދަކީ ރަށުގެ ރަނގަޅު، މިހާރުވެސް ވަށައިގެން މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށެވެ.

އަދި ދައުލަތުން އަގުކޮށްފައިވަނީ އިންސާފުވެރިކަމާއެކު ހުރިހާ ރައްޔިތުންނަށްވެސް ހަމަ އުސޫލަކުން ކަމަށެވެ. އެ ދެބޭފުން އަމިއްލައަށް ހުށަހަޅާފައިވާ އަންދާސީ ހިސާބަށް ބަލާއިރު މިހާރު ދިރިއުޅޭ ގޯތިގެ ދެގުނަ ބޮޑު ގޯއްޗެއް އިމާރާތްކުރެވޭނެ ކަމަށެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ދައުލަތު އަގު ކުރުމުގައި ބަލަނީ ހަމައެކަނި ގޯތި އިމާރާތްކުރަން ދޭ ފައިސާއަށް ނޫން ކަމަށާއި ބިމުގެ އަގަށްވެސް ބަލާފައިވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355