twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މިއަހަރުގެ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަންނަ ހޯމަ ދުވަހު

Oct 22, 2018

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 29 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހު ހެންވޭރު ދަނޑުގައި ބޭއްވުމަށް ދިރާގުން ނިންމައިފި އެވެ.

2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަންނަނީ ބާއްވަމުން އަންނަ އިރު މިއީ މިގޮތަށް ބޭއްވޭ 8 ވަނަ ފެސްޓިވަލްއެވެ. އެގޮތުން މިއަހަރުގެ ފެސްޓިވަލްގައި 390 ކުދިން ބައިވެރިވެފައި ވެއެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލް އެވެ.

މިއަހަރު ވެސް ވާދަވެރި ދުވުމުގެ މުބާރާތް ބާއްވަން ނިންމާފައި ވާއިރު މިއަހަރުވެސް 4 ކެޓަގަރީ އަކުން ދަރިވަރުން ވާދަ ކުރާނެއެވެ. އެއީ 5 އަހަރާއި 8 އަހަރުގެ 40 މީޓަރު ގެ ކެޓަގަރީ، 8 އަހަރާއި 12 އަހަރުގެ 60 މީޓަރުގެ ކެޓަގަރީ، 12 އަހަރާއި 16 އަހަރުގެ 100 މީޓަރުގެ ކެޓަގަރީ އަދި 16 އަހަރުން މަތީގެ 100 މީޓަރުގެ ކެޓަގަރީ އަދި 100 މީޓަރުގެ ވީލްޗެއަރ ކެޓަގަރީއެވެ.

މި ފެސްޓިވަލްގައި ބޯލް ރޯލިން، އޮބްސްޓަކަލް ރިލޭ، ޓަނަލް ރޭސް އަދި ބެޓަން ރިލޭ ފަދަ ފޯރިގަދަ ކުޅިވަރުތައް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން މިއަހަރުގެ ފެސްޓިވަލް އެންމެ ހާއްސަ ވެގެންދާ އެއްކަމަކީ މިއަހަރުގެ ފެސްޓިވަލްގައި ޕެރަލިމްޕިކްސް ގައި ކުޅޭ ކުޅިވަރެއް ކަމަށްވާ “ބޮޗިއާ” ނަމަކަށް ކިޔޭ ސީޕީ ކުދިންނަށް ހާއްސަ ކުޅިވަރެއްވެސް ތައާރަފް ވެގެން ދާނެކަމެވެ. މި ކަމުގެ ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށެވެ.

މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީވެސް މި ފެސްޓިވަލްގެ މަގްސަދެކެވެ.

ސްކޫލްތަކާއި އެންޖީއޯ ތަކަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގައި މިއަހަރުގެ ފެސްޓިވަލްގައި 4 އެންޖީއޯ އަދި 11 ސްކޫލުން ބައިވެރިވިއެވެ. އެއީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕިޒިކަލް ޑިސްއޭބަލްސް، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެއާ ސޮސައިޓީއާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއެވެ. ސްކޫލް ތަކުގެ ތެރޭގައި ހިމެނެނީ، އަމީރު އަހުމަދު ސްކޫލް، އިމާދުއްދީން ސްކޫލް، ރެހެންދި ސްކޫލް ،މުހިޔުއްދީން ސްކޫލް، ގާޒީ ސްކޫލް، ހިރިޔާ ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް، ކެންގަރޫ ކިޑްސް، ތާޖުއްދީން ސްކޫލް އަދި އިސްކަންދަރު ސްކޫލް ގެ އިތުރުން އަމީނިއްޔާ ސްކޫލެވެ.

ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ތެރެއިން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ހިންގާ ވަރަށް މުހިންމު ހަރަކާތެކެވެ. އަދި މިއީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލްވެސް މެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355