twitterviber whatsapp telegramfacebookyoutube instagram
7th June 2025

ހދ އޭއީސީގައި އަންނަ އަހަރު ގުރޭޑް 9 އޮންނާނެ، ޖާގަވެސް ލިބޭ: އެޑިއުކޭޝަން

Oct 22, 2018

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް އަންނަ އަހަރު ގުރޭޑް 9 އަކަށް ކިޔަވައިދޭން ފަށާނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ހާމަކޮށްފި އެވެ.

ޖާގަ ދަތިކަމާއި މިއަހަރު އަލަށް އުފެއްދާ އެސްކޫލުގައި ކިޔަވައިދޭން ފެށި ގުރޭޑް 8 ގެ ކުދިންގެ ފެންވަރު ދަށްކަމަށް ބުނެ ބެލެނިވެރިންތަކެއް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެހެންވެ އަންނަ އަހަރު އެސްކޫލުގައި ގުރޭޑް 9 އުފެއްދުން ހުއްޓާލުމަށް އެދި ގުރޭޑް 8 ގެ 70 އަށްވުރެ ގިނަ ބެލެނިވެރިންތަކެއް ސޮއިކޮށްވަނީ ސްކޫލަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ހަމައަށް ބެލެނިވެރިންގެ ކަންބޮޑުވުން ލިބިފައިވަނިކޮށް ކޭއޯއަށް ދެއްވި އިންޓަވިއުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕޮލިސީ ޕްލޭނިންގ އެންޑް ރިސާޗް ޑިވިޝަންގެ ހެޑް އާސިފް ވިދާޅުވީ އެ މިނިސްޓްރީ ކުރިން ނިންމާފައިވާ ގޮތަށް އަންނަ އަހަރު އޭއީސީގައި ގުރޭޑް 9 އަކަށް ކިޔަވައިދޭން ފަށާނެކަމަށާއި ޖާގައި އަންނަ އަހަރަށް ލިބޭކަމަށެވެ.

” އޭއީސީގައި އެންމެ އެކަށީގެންވާ ޖާގަ ނުހުރުން އެކަށީގެންވޭ. ނަމަވެސް އަންނަ އަހަރު ގުރޭޑް 9 އުފެއްދާ، ފައުންޑޭޝަން ގުރޭޑްތަކަށް ކުދިން ވެދިކަމުގައިވިޔަސް ހެނދުނު ދަންފަޅީގައި 4 ކުލާސް އަދި މެންދުރުފަހު ދަންފަޅީގައި 2 ކުލާސް ރޫމް ހުސްކޮށް އެބަހުރޭ.” އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަވައިދުން ޕްރިންސިޕަލާ ވާހަކަދައްކާވާ ސްކޫލަށް ދިމާވެފައިވާ ދަތިތަކަކީ ކޮބާ ތޯ ބަލައި އޮޅުން ފިލުވަމުންދާ ކަމަށެވެ. އެ މަޝްވަރާތަކުގައި ސްކޫލުގެ ޖާގަ އޮތް އެނގިފައިވާ ކަމަށ އާސިފް ވިދާޅުވި އެވެ. އާސިފް ވިދާޅުވީ އެގޮތުން ސްކޫލަށް އެންމެ ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އަންނަ އަހަރަށް ސްކޫލަށް ބޭނުންވާ ހުރިހާ އެއްޗެއް އެޑިއުކޭޝަނަށް ލިބިފައިވާކަމަށާއި އަންނަ އަހަރު ދިރާސީ އަހަރު ފެށުމުގެ ކުދިން ސްކޫލަށް އެތަކެތި ފޯރުކޮށްދޭނެކަމަށް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ އޭއީސީއަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހަތަރު ބުރީގެ 12 ކުލާސް ރޫމްގެ އާ އިމާރާތް ހެދުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށެވެ. އެ އިމާރާތްތަކާއެކު ޖާގައިގެ މައްސަލަ މުޅިން ހައްލުވެގެންދާނެކަމަށެވެ.

ފެންވަރު ދަށްކަމަށް ބެލެނިވެރިން ބުނާތީ އެކަމަށް އާސިފް ވިދާޅުވީ ދަރިވަރުންގެ ފެންވަރު ބެލެނިވެރިން ވަޒަން ކުރީ ކިހިނެތް ތޯ ސުވާލުއުފައްދާފަ އެވެ. އާސިފް ވިދާޅުވީ ގުރޭޑް 8 ގައި އޮންނާނީ ކޮންޓިނިއުއަސް އެސިސްމެންޓްގެ 60 ޕަސެންޓްކަމަށާއި އެތަނުން ޓެސްޓް ކުރެވޭނީ 40 ޕަސެންޓްކަމަށެވެ.

އޭއީސީގައި މަތީ ގުރޭޑްތައް އުފައްދަމުންދާއިރު ލެބޯޓަރީތައް ނުހުންނަ މައްސަލާގައި އޭނާ ވިދާޅުވީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކިޔަވައިދެނީ އޯލްޓަނޭޓިވް ޓް ޕްރެޓިކަލް ކަރިކިއުލަމެއް ކަމަށާއި ކޮންމެ ކަމަކަށް ކެމިކަލް އެކްސްޕެރިމެންޓް ހަދަން ނުޖެހޭނެ ކަމަށެވެ. ސައިންސް ކިޔަވައިދޭ ސްކޫލެއްކޭ ކިޔާފައެއް އަލަށް ހަދާ ސްކޫލުތަކުގެވެސް މިހާރު ތިން ލެބޯޓަރީއެއް ހަދަމުންނުދާކަމަށެވެ. ނަމަވެސް ލެބޯޓަރީތަކަށް ކޮންމެހެން ބޭނުންވާ ކެމިކަލް ފޯރުކޮށްދެމުންދާ ކަމަށާއި އެގޮތުން އަންނަ އަހަރުވެސް ސްކޫލުތަކަށް ބޭނުންވާ ކެމިކަލް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ޖާގައިގެ މައްސަލައަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ ކުޅުދުއްފުށީގައި ސްކޫލުތަކުގައި ކިޔަވަން ބޭނުންވެ ޖާގަ ނުލިބޭކަމުގެ ޝަކުވާއެއް މިނިސްޓްރީއާ ހަމައަށް އައިސްފައިނުވާ ކަމަށާއި އެފަދަ ޝަކުވާއެއް ލިބިއްޖެނަމަ ޖާގަ ހޯދުމުގެ މަސައްކަތް ސްކޫލުތަކާ ގުޅިގެން ކުރާނެ ކަމަށްވެސް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ އަންނަ އަހަރު އޭއީސީގައި ގުރޭޑް 9 އުފައްދާއިރު ޖަލާލުއްދީންގައި ތިބި ތަޖުރިބާކާރު ޓީޗަރުން އޭއީސީއަށް ބަދަލުވުމަށް ހުޅުވާނެކަމަށެވެ. އަންނަ އަހަރުން ފެށިގެން ޖަލާލުއްދީން ސްކޫލުގައި އޮންނާނީ ގުރޭޑް 10،11 އަދި 12 އެވެ. އަދި ދަސްވާރާއި ބީޓެކްގެ މަތީ ގުރޭޑްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355