twitterviber whatsapp telegramfacebookyoutube instagram
24th April 2024

ތަމްރީނާއި ހުނަރު ދަސްކޮށްދޭ ކޯސްތަކެއް އަންނަ އަހަރު ޖަލާލުއްދީން ސްކޫލުގައި ފަށަނީ

Oct 24, 2018

ދިވެހިރާއްޖޭގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އާއި ޕޮލިޓެކްނިކްއާ ގުޅިގެން އަންނަ އަހަރު ޖަލާލުއްދީން ސްކޫލުގައި ހުނަރު ކޯސްތަކެއް ފަށަން ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ހާމަކޮށްފި އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕޮލިސީ ޕްލޭނިންގ އެންޑް ރީސާޗް ޑިވިޝަންގެ ހެޑް އާސިފް ކޭއޯގައި ވާހަކަދައްކަވަމުން ވިދާޅުވީ ޖަލާލުއްދީން ސްކޫލުގައި މަތީ ސާނަވީގައި މިހާރު ކިޔަވައިދެނީ ހަމައެކަނި އެކަޑަމިކް ސްޓްރީމް ކަމަށެވެ. އަންނަ އަހަރު ދަސްވާރުގެ މަތީ ކޯސްތަކެއް އެސްކޫލުގައި ފަށާނެ ކަމަށެވެ.

ހުނަރާއި ތަމްރީން ދަސްކޮށްދިނުމަށް ކުރިއަށްގެންދާ މިކޯސްތަކަކީ ހިލޭ ކުރިއަށްގެންދާ ކޯސްތަކެއް ކަމަށާއި މިހާރު ގުރޭޑް 10 ގައި ބީޓެކް ކިޔަވާ ދަރިވަރުންނަށް އަންނަ އަހަރު ޖަލާލުއްދީން ސްކޫލުގައި ބީޓެކް އޭލެވެލް ނުވަތަ އޭގެ މަތީ ކޯސްތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބީޓެކް އޭލެވަލްގައި ހޮސްޕިޓާލިޓީ، ޓޫރިޒަމްގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި އާރޓް އެންޑް ޑިޒައިން ފަދަ ކޯސްތައް ކިޔަވައިދޭނެކަމަށެވެ.

“ބީޓެކް އޭލެވެލް ކިޔެވުމުން ދަރިވަރުންނަށް ދާއިރާގެ މަތީ ސެޓްފިކެޓެއް ލިބިގެންދާނެ. ޓިވެޓް އޮތޯރިޓީ އާއި ޕޮލިޓެކްނިކް ގުޅިގެން ސްކިލްޑް ކޯސްތައް ކިޔަވައިދޭން ފަށަނަމޭ. އޭރުން ސީދާ ވަޒީފާގެ ދާއިރާއަށް ކުދިން އެ ތައްޔާރުވަނީ.” އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ މިކޯސްތައް ހެދުމުން ދަރިވަރުންނަށް ވަޒީފާތަކާއި އިތުރު ފަހި ފުރުސަތުތައް ލިބުމުގައި ފަސޭހަތަކެއް ލިބޭނެކަމަށާއި ތަމްރީނާއި ހުނަރު ދަސްކޮށްދޭ މިފަދަ ކޯސްތައް އަތޮޅުތެރޭގައި ފަހިވެ ނެތުމުން މިއީ ސީދާ ވަޒީފާއަށްދާ ބޭނުންވާ ކުދިންނަށް ވަރަށް މުހިންމު ކޯސްތަކެއް ކަމަށެވެ. ޖަލާލުއްދީން ސްކޫލުގައި ބީޓެކް އޭލެވެލްއަށް މިހާރުވެސް އަންނަނީ ކިޔަވައިދެމުންނެވެ.

ޖަލާލުއްދީން ސްކޫލުގެ މުސްތަގުބަލު ނެތްކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން އޭނާ ވިދާޅުވީ ޖަލާލުއްދީން ސްކޫލުގެ މުސްތަގުބަލު އެބަ އެބައޮތް ކަމަށެވެ. ނަމަވެސް އެ ސްކޫލުގެ ޓީޗިންގ ފެކަލިޓީއަށް ބަދަލުތަކެއް އަންނާނެކަމަށާއި ބައެއް ދާއިރާތަކުން ވަޒީފާ އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އާސިފް ވިދާޅުވީ ޓެނިކަލް ދާއިރާގެ ފަރާތްތަކަށް ވަޒީފާ ލިބިގެންދާނެ ކަމަށެެވެ.

ހަމައެއާއެކު ޖަލާލުއްދީން ސްކޫލުގައި ތިބި ސެކަންޑަރީގެ ޓީޗަރުންނަށް އޭއީސީއަށް ބަދަލުވުމަށް ހުޅުވާލާނެކަމަށާއި އެއްވެސް ދިމާލަކުން ވަޒީފާ ނުގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރު ހދ އޭއިސީގައި ގުރޭޑް 9 އުފައްދާއިރު 2020 ވަނަ އަހަރާ ހަމައަށް އެސްކޫލުގައި ގުރޭޑް 10 އުފައްދާނެ އެވެ. އަދި އޭރުން ޖަލާލުއްދީން ސްކޫލުގައި ކިޔަވައިދޭނީ އޭލެވެލް އާއި ބީޓެކް އޭލެވަލްގެ ކޯސްތަކެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355