މުހައްމަދު އިސްމާއިލް
އަޕަރ ނޯތު ހެލްތް ސަރވިސަސް ކޯޕަރޭޝަންގެ ފަރާތުން މަތިއުތުރު ސަރަހައްދުގައި އެކުންފުނީގެ ދަށުން ހިނގަމުން އަންނަ ސިއްހީ މަރުކަޒުތަކުގެ ހާލަތު ދެނެގަތުމުގެ ގޮތުން ދަތުރުތަކެއް ކުރަމުން އެބަދެއެވެ.
މަތި އުތުރު ސަރަހައްދުގެ ސިއްހީ ހިދުމަތްތައް ދިނުމާ ހަވާލުވެ ރަސްމީ މަސައްކަތްތައް މިދިޔަ މާރޗް މަހުގެ އެއްވަނަ ދުވަހު ފެށުމާގުޅިގެން ކޯޕަރޭޝަނުން ދަތުރުތަކެއް ކުރަމުންދާ ކަމުގެ ހަބަރު ލިބުމާގުޅިގެން ކުޅުދުއްފުށީ އޮންލައިނުން މިކަމާބެހޭ މަޢުލޫމާތު ހޯދުމަށް އެކޯޕަރޭޝަނަށް ގުޅުމުން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.
“ދަތުރު ތަކެއް ކުރުމުގެ ބޭނުމަކީ މަސައްކަތް ރަސްމީކޮށް ފެށުނުއިރު މަރުކަޒުތަކުގެ ހާލަތު ހުރި ނެތްގޮތް ބެލުން. މިހާރު ހުރި ހާލަތު އެނގިގެން އިތުރު ފިޔަވަޅުތަކެއް އެޅޭނީ ކަންތައްތައް ރަނގަޅު ކުރަން. އެހެންގޮތަކަށް ދަންނަވަނީ ނަމަ ސިޓުއޭޝަން އެނަލިސިސްއެއް މިހެދެނީ.” ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މައުލޫމާތު ދެއްވިއެވެ.
“ދަތުރު ތަކަށް ފަހު ކޮންމެ ރަށަކަށް ވަކިވަކިން ރިޕޯޓެއް ތައްޔާރު ކުރެވޭނެ. އަދި ކޯޕަރޭޝަންގެ ޕްލޭންތައް ތައްޔާރު ކުރާއިރު އެރިޕޯޓުތަކުގައި ފާހަގަ ކުރެވޭ ކަންތައްތަކަށް ރިއާޔަތް ކުރެވޭނެ.” ބޮޑުތިލަދުންމަތީގެ ސިއްހީ ހިދުމަތްދޭ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުތަކުގައި ކޯޕަރޭޝަން ހެޑް އޮފީހުގެ ޓީމަކާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދާއިރާތަކުގެ އިންޗާރޖުން ބައިވެރިވެއެވެ. އެގޮތުން ދަތުރުތަކުގައި ޑޮކްޓަރަކާއި ނަރުހެއްގެ އިތުރުން ލެބޯޓްރީ އިންޗަރޖް ބައިވެރިވެއެވެ. ހެޑްއޮފީހުގެ ފަރާތުން އިދާރީބައިގެ ބޭފުޅުންނާއި މެއިންޓެނެންސްގެ ބޭފުޅުންވެސް ބައިވެރިވަމުންދާކަމަށާއި އަދި އޭގެތެރެއިން ކޮންމެ ބޭފުޅެއްވެސް އެބޭފުޅެއްގެ ދާއިރާގެ ކަންތައްތައް ބައްލަވަމުންދާކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ.
ސިއްހީ މަރުކަޒުތަކަށް ކުރަމުންދާ ދަތުރުތަކުގެ އިތުރު އެހެން ބޭނުމެއް އޮތްކަމަށްވެސް މެނޭޖިންގ ޑިރެކްޓަރ މައުލޫމާތު ދެއްވިއެވެ.
“އަނެއް ބޭނުމަކީ ސިވިލް ސަރވިސް އިން މުވައްޒަފުންތަކެއް ކޯޕަރޭޝަނަށް ބަދަލުވުމުން މުވައްޒަފުންގެ ގަވާއިދު ތަކަށް އަންނަ ބަދަލުތަކުގެ މައުލޫމާތު ދިނުމާއި ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް އިދާރީ ލިޔެކިޔުންތަކަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން މައުލޫމާތު ދިނުން.”
މިހާރު ކުރަމުންދާ ދަތުރުތަކުގެ ސިލްސިލާގައި 3 ހަފްތާގެ ތެރޭގައި ހއ އަދި ހދ ގެ ހުރިހާ ރަށަކާއި ށ އަތޮޅުގެ ފަސް ރަށެއް ކަވަރު ކުރެވިފައި ވާކަމަށް ހެލްތު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. އަދި ބާކީ ރަށްތައް ހަފްތާއެއްގެ ތެރޭ ކަވަރު ކުރެވޭނެކަމަށްވެސް އެކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
އަޕަރ ނޯތް ހެލްތް ސާރވިސަސް ކޯޕަރޭޝަނަކީ މަތިއުތުރުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ޤާއިމްކޮށް އެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތަކަށް، ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ.