twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ކައުންސިލުން ބޮޑު ޕްރޮޖެކްޓެއް، ފަސް ބުރީގެ އިމާރާތެއް ހަދަނީ

Oct 25, 2018

ކައުންސިލް މާލިއްޔަތަށް ލިބޭ އާންމުދަނީ އިތުރުކުރުމުގެ ގޮތުން ކުޅުދުއްފުށީ ކައުންސިލުން ފަސް ބުރީގެ އިމާރާތެއް ހަދަން ނިންމައިފި އެވެ.

މި އިމާރާތް ހަދަން ކައުންސިލުން ނިންމާފައިވަނީ ބޮޑުފެންޑާ އާއި ފެމެލީ ބޭކަރީ އަދި ބޮނބިނަރު އުފައްދާ މެޝިން ހުރި އިމާރާތްތައް ނަގާފައި އެ ބިމުގައި އެވެ. އެތަނުން ޖުމްލަ 2400 އަކަފޫޓްގެ ބިން މި އިމާރާތް ހަދަން ލިބޭނެ އެވެ.

ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން ކޭއޯއަށް މިއަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ކައުންސިލްތަކުގެ މައްޗަށް ވަރަށް ގިނަ ކަންތައްތައް ލާޒިމުކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއްކަމަކީ އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރަށް ތަރައްގީކުރުން ކަމަަށާއި އެ ކަންތައްތައް ކުރެވެން އަންނަނީ މާލިއްޔަތު ރަނގަޅުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިމާރާތުގެ ސަބަބުން މާލިއްޔަތު އިތުރުވެ އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރުމަށް ކައުންސިލަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބިމަކީ ރަށުގެ ވަރަށް މުހިންމު ސަރަހައްދެއްގައި ހުރި ބިމަކަށް ވާތީ އެބިމުން އެންމެ އެކަށީގެންވާ ފައިދާ ކައުންސިލަށް ހޯދުމުގެ މައިގަނޑު ބޭނުމުގައި ހަދަން ނިންމި މި އިމާރާތުގައި ފިހާރައަކާއި ލައިބުރަރީއެއް އަދި ހޯލެއްގެ އިތުރުން އެޕާޓްމަންޓާއި ވީއަޕީ އެޕާޓްމަންޓް އަދި ވީއައިޕީ ރޫމްތަކެއް ހުންނާނެ އެވެ.

ކައުންސިލުން ދެކޭގޮތުގައި އެ ބިން އެންމެ ހެޔޮގޮތުގައި ހިފެން އަންނަނީ އެތަނުގައި ބޮޑު އިމާރާތެއް ހަދައި ކުއްޔަށް ދީގެންނެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް–

ލަތީފް ވިދާޅުވީ މިއީ އަންނަ އަހަރު ކައުންސިލުން ކުރަން ނިންމާފައިވާ މަޝްރޫއުގެ ތެރެއިން އެންމެ އިސްކަމެއްދީގެން ކުރާނެ އަދި އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން އިމާރާތްކުރަން ނިންމާފައިވާ މި އިމާރާތް ނިމެމުންދާ ވަރަށް ބައިތައް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

މި އިމާރާތް ފަރުމާކޮށް ބީއޯކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން މިހާރު ވަނީ ހުޅުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355