އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ގާއިމްކޮށްފައި ހުރި ރީޖަނަލް ހޮސްޕިޓަލަކީ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ އެންމެ ބިޒީ އެއް ހޮސްޕިޓަލެވެ.
ރާއްޖޭގެ އުތުރުން 3 އަތޮޅު ރައްޔިތުން ހިދުމަތް ހޯދަަމުން އަންނަ މައި އެއް ހޮސްޕިޓަލަކީވެސް މި ހޮސްޕިޓަލެވެ. ހޮސްޕިޓަލަށް ހިދުމަތް ހޯދުމަށް އަންނަ ގިނަ ބައެއްގެ ޝަކުވާއަކަށް ވަނީ ހޮސްޕިޓަލުން ސްޕަރ ސްޕްލިސްޓުންނަށް ނުދެއްކުމާއި ޓެސްޓުތައް ހެދެން ނެތުމުގެ ޝަކުވާއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން 14 ދާއިރާއެއްގެ ސްޕެޝަލިސްޓުންނަށް ދެއްކުމުގެ ހިދުމަތް ފަހިވެގެންގޮސްފައިވާއިރު ގިނަ ބައެއްގެ އުންމީދާއި އެއްގޮތަށް ދާދިފަހުން ހިތާއި ނާރުގެ ޑޮކްޓަރުންގެ ހިދުމަތް ފެށުމާއެކު މިކަންވެފައިމިވަނީ އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި ދާއިމީ ގޮތެއްގައި ސްޕަރ ސްޕެޝަލިޓުންގެ ހިދުމަތް ފެށުނު ފުރަތަމަ ހޮސްޕިޓަލަށެވެ.
އެގޮތުން މިހާރު 14 ދާއިރާގެ ސްޕެޝަލިސްޓުންގެ ޑޮކްޓަރުންގެ ހިދުމަތްތާއި ދެ ދާއިރާގެ ސްޕަރ ސްޕެޝަލިސްޓުންގެ ހިދުމަތް މިވަނީ ފެށިފަ އެވެ. އަދި ކިޑްނީގެ ހާއްސަ ބަލިތަކާއި ދަރިމާވުމާ ގުޅޭ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމެއް މަހަކު އެއްފަހަރު ކޭއާރުއެޗަށް އަންނަނީ ޒިޔާރަތްކުރަމުންނެވެ.
މިއީ ގިނަބަޔަކަށް އެތައް ލުއިފަސޭހަތަކެއް ލިބިގެން ދާނެކަމެވެ. ހާއްސަކޮށް ހިތުގެ މައްސަަލަތައް ހުންނަ މީހުންނަަށް ގަވައިދުން މާލެގޮސް ދެއްކުމުގެ ބަދަލުގައި ޓެސްޓުތައް ހެދެން ފެށުމުން ބޮޑު ލުއި ފަސޭހައެއް މިކަމުން ލިބިގެން ދާނެއެވެ.
ކުޅުދުއްފުށީ ސީއީއޯ އަދި މެޑިކަލް ޑިރެކްޓަރ ޑރ މުހައްމަދު ވަހީދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށްޓަކައި ފަށާފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިިން އެއް ޕްރޮޖެކްޓުކަމަށެވެ. އެގޮތުން ހިތުގެ އަދި ނާރުގެ ޑޮކްޓަރުންގެ ހިދުމަތް މިދިޔަ ހަފްތާ ތެރޭގައި ފޯރުކޮށްދޭން ފަށާފައިވާނެ ކަމަށާއި މި ވަގުތު ކާރޑިއޮލޮޖީގެ ޓެސްޓުތައް ނުހެދުނުކަމުގައި ވިޔަސް އުންމީދަކީ އަވަސް މުސްތަގުބަލެއްގައި އެ ހިދުމަތް ވެސް ފޯރުކޮށްދެވުން ކަމަށެވެ.
ކޭއާރުއެޗްގެ ސީއީއޯގެ އަދި މެޑިކަލް ޑިރެކްޓަރު ޑރ ވަހީދު–
އަދި ބޭނުންވަނީ އައިޖިއެސްއެޗްގައި ހުންނަ ކާރޑިއޮލޮޖީ ސެންޓަރުން ދެވޭ ހުރިހާ ހިދުމަތެއް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފެށުންކަމަށާއި އެކަމުގެ ސަބަބުން ގަވައިދުން ހަދަންޖެހޭ ޓެސްޓުންތައް މާލެ ނުގޮސް ރަށުން ހެދުމުގެ ފުރުސަތު ފަހުވެގެން ދާނެކަމަށްވެސް ޑރ ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ މިއީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި މިކަމުގެ ސަބަބުން ހޮސްޕިޓަލުން ހިދުމަތް ހޯދަމުން އަންނަ ފަރާތަތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ވެގެން ދާނެ ކަމަށެވެ.
މިއީ މާލެ ފިޔަވާ އަތޮޅުތެރޭގެ ހޮސްޕިޓަލަކުން ހިތުގެ އަދި ނާރުގެ ޑޮކްޓުންގެ ހިދުމަތް ދޭ ފުރަަތަމަ ހޮސްޕިޓަލެެވެ. އަަދި އެހާ ގިނަ ދާއިރާތަކުން ސްޕަރ ސްޕަރލިސްޓުންގެ ހިދުމަތްވެސް ދޭ ފުރަތަމަ ހޮސްޕިޓަލެވެ.
ތިން މަސް ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަނީ !
ހޮސްޕިޓަލްގައި މިހާރުވަނީ ސީޓީ ސްކޭންގެ ހިދުމަތް ފެށުމަށްޓަކާ މެޝިން ގެނެސް އިންސްޓޯލްކޮށްފައި އެވެ. އެ ހިދުމަތްވެސް ދާދި އަވަހަށް ފެށިގެންދާނެކަމަށް ހޮސްޕިޓަލުން ވިދާޅުވެ އެވެ.