twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް ފުރުސަތު ހުޅުވާލައިފި

Oct 30, 2018

ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް 60 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.

ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ ބަންގްލަދޭޝްގެ 128 މެޑިކަލް އަދި ޑެންޓަލް ޔުނިވަރސިޓީއަކުން އެމްބީބީއެސް ކިޔެވުމަށް 60 ސްކޮލަރޝިޕްގެ ފުރުސަތު އަދި ބެޗްލާރސް އޮފް ޑެންޓަލް ސާރޖަރީ ހެދުމަށް 1 ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުންގެ ކޯސް ފީއާއި ދެކޮޅު ޓިކެޓް އަދި އެހެނިހެން ހަރަދުތައް ހަމަޖައްސަންޖެހެނީ ދަރިވަރުން އަމިއްލައަށެވެ. ނަމަވެސް ހަރަދުތައް ހަމަޖެއްސުމަށް ހަޔަރ އެޑިއުކޭޝަނުން ލޯނު އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

ބަންގްލަދޭޝުން ހުޅުވާލާފައިވާ މި ސްކޮލަރޝިޕް ފުރުސަތުތަކަކީ ސާކް ގައުމުތަކަށް ޑިސްކައުންޓް ރޭޓެއްގައި ކޯސް ފީ ހަމަޖެހިފައިވާ ކޯސްތަކެކެވެ. އެހެންކަމުން ދިވެހި ދަރިވަރުންނަށް މި ސްކޮލަރޝިޕްތަކުގެ ކޯސް ފީ ކުޑަވާނެއެވެ.

އެމްބީބީއެސް އަދި ބީޑީއެސް ސްކޮލަރޝިޕްތަކަށް ހުށަހަޅާ ދަރިވަރުން އޭލެވެލް ހަދާފައިވުން ލާޒިމްކުރާއިރު އޯލެވެލް އިމްތިހާނުން ކިޔަވަން ބޭނުންވާ ދާއިރާއަކާގުޅޭ މަދުވެގެން 5 މާއްދާއިން ފާސްވާންޖެހެއެވެ. މި ސްކޮލާރޝިޕްތަކަށް ހުށަހެޅުމަށްޓަކައި ބޭނުންވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޕާސްޕޯޓް އަދި އައިޑީ ކާރޑްގެ ކޮޕީގެ އިތުރުން އެމްބީބީއެސް އަދި ބީޑީއެސް ކޯހަށް ސަރުތު ހަމަވާކަމަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދީފައިވާ ލިޔުން އެޕްލިކޭޝަން ހުށަހަޅާއިރު އެ ޑިޕާޓްމެންޓަށް ހުށަހަޅަންޖެހޭނަކަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

މި ސްކޮލަރޝިޕްތަކަށް ޝައުޤުވެރިވާ ދަރިވަރުން ނޮވެމްބަރ 5 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނެކަމަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ. މި ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވާނީ ބަންގްލަދޭޝްއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355