އިބްރާހިމް ހަމީދު
ހދ މަކުނުދޫ މީހަކު ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަރުވުމުން ކުޅުދުއްފުށީގައި ވަޅުލާތީ ކައުންސިލް އިދާރާގެ އަޑުގަދަ ކުރާއިން ކަށުނަމާދަށް ގޮވާލަދިނުމަށް އެދުމުން އެކަން ކޮށްނުދިންކަމަށް އެއާއިލާއިން ބުނެފިއެވެ.
ނިޔާވި މީހާގެ އާއިލާގެ ފަރާތުން ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން މަކުނުދޫ ކަށިމާގެ ހުސެއިން ހަމީދު އިބްރާހިމް ވިދާޅުވީ އޭނާގެ ބައްފަ މަރުވެގެން ކުޅުދުއްފުށީ ރަށު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އިސްމާއީލް އިބްރާހީމްއާ ދިމާވެގެން ބައްޕަ ނިޔާވެގެން އުޅޭކަމަށްބުނެ ކަށުނަމާދަށް އެއިދާރާގެ އަޑުގަދަކުރާއިން ގޮވާއި ދިނުމަށް އެދުނުކަމަށެވެ.
“އިސްމާއީލް ބުނީ ރަށު ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދާއި ގުޅާލާފައި ޖަވާބެއްދޭނޭކަމަށް. ދެން އަޅުގަނޑުގެ ފޯނު ނަމްބަރު ހިފައިގެން އިސްމާއީލް ދިޔައީ. އޭގެ އެއްގަޑިއިރު ފަހުން އަޅުގަނޑަށް އިސްމާއީލް ގުޅާފަ ބުނީ މިގުޅާލީ މިކަންތައް އޮތްގޮތް ސާފުކޮށްދޭންވެގެން ކަމަށް. ދެން ބުނީ ޖަމްޝީދު (ކައުންސިލުގެ ރައީސް) އަށް ގުޅީމަ އޭނަ (ޖަމްޝީދު) ބުނެފިޔޭ ބަންދު ދުވަސްތަކުގައި ރަށުން ބޭރުމީހުންނަށް ކަށުނަމާދަށް މިއިދާރާގެ އަޑުގަދަކުރާބޭނުންކޮށް ގޮވައެއްނުދޭކަމަށް. ހަމައެކަނި ގޮވައިދޭނީ ރަށުގެ މީހުން މަރުވުމުން އެއާއިލާއަކުން އެދުމުން ކަމަށް. އެވެސް ހަމައެކަނި ރަށުމީހުނަށް. ރަށުން ބޭރުމީހުންނަށް ކަށުނަމާދަށްގޮވައި ދޭނީ ހަމައެކަނި ރަސްމީދުވަހު ރަސްމީގަޑިތަކުގައި ކަމަށް”
ކުޅުދުއްފުށީ މީހަކާ ކައިވެނިކޮށްގެން އުޅޭތާ ނުވަ އަހަރުވެފައިވާ ހުސެއިން ހަމީދު އިތުރަށް މައުލޫމަތު ދެއްވަމުން ބުނީ ފަހުން ކައުންސިލުގެ ރައީސް ޖަމްޝީދު އޭނާ އާއި ބައްދަލުކޮށް އެގޮތަށް ދިމާވީ އެކަންއޮންނަގޮތް މާބޮޑަށް ސާފުވެފައި ނެތުމުންކަމަށް ވިދާޅުވިކަމަށެވެ. އަދި އެދުވަހު ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު އުޅުނީ ނެރު ބައްތީގެ މަސައްކަތެއް ކުރުމަށް މޫދުގައި ކަމަށާއި އެހެން ނަމަވެސް މިހާރު ކޮންމެ ގަޑިއެއްގައި ކޮންމެ މީހަކަށްވެސް ކަށުނަމާދަށް ގޮވާލަ ދިނުމަށް އެދި އެއާއިލާއަކުން އައުމުން އެކަން އެއިދާރާއިން ހަމަޖައްސައި ދޭނެކަމަށް ބުނެފައިވާކަމަށް ހުސެއިން މައުލޫމާތު ދެއެވެ. އަދި ހުސެއިން ކިބައިން ކައުންސިލުގެ ރައީސް މާފަށް އެދިފައިވާކަމަށްވެސް ހުސެއިން ބުނެއެވެ.
ކައުންސިލުގެ އަޑުގަދަކުރާއިން ކަށުނަމާދަށް ނުގޮވައިދިން މައްސަލައާ ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނުން ރަށުކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު ފޯނުން ގުޅާލުމުން ވިދާޅުވީ “ނުކޮށްދިނީއޭ” ބުނާތީ ވަރަށް ދެރަވި ކަމަށާއި އެދުވަހު އުޅުނީ މޫދުގައި ކަމަށެވެ. އަދި ރަށުކައުންސިލް އިދާރާއިން އަބަދުވެސް ގެންދަވަނީ ރައްޔިތުންނަށް ހިދުމަތްކުރަމުންކަމަށް ޖަމްޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ކަށުނަމާދަށް ނުގޮވައިދިން މައްސަލައާބެހޭ ގޮތުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.