އިބްރާހިމް ހަމީދު
ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކުގެ ކުދިންގެ މެދުގައި ގުރުއާން މުބާރާތެއް ބޭއްވުމަށް ތައްޔާރު ވަމުން އެބަދެއެވެ.
އަތޮޅުކައުންސިލް މެމްބަރ އަދި ގުރުއާން މުބާރާތުގެ ކޯޑިނޭޓަރ އަލީ މުހައްމަދު ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމަތު ދެއްވަމުން ވިދާޅުވީ އެމުބާރާތަކީ ދިވެހިރާއްޖޭގެ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމަށް ހދ އަތޮޅުން މާލެ ފޮނުވާނެ ކުދިން ހޯދުމަށް އިސްލާމިކު މިނިސްޓްރީން ކައުންސިލަށް ދެއްވި ފުރުސަތެއްކަމަށެވެ.
އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު މުބާރާތަށް ކުދިން ހޮވާފައިވަނީ ވަކިވަކި ކޮންމެ ރަށެއްގައި ބޭއްވި ގުރުއާން މުބާރަތަކުންނެވެ. ރަށްރަށުގައި ބޭއްވި މުބާރާތްތައް އެރަށެއްގެ ރަށު ކައުންސިލާ އެރަށެއްގެ ސްކޫލާ ގުޅިގެން ބޭއްވުމަށް ކޮންމެ ރަށަކަށް މީގެ ކުރިން އަންގާފައިވާނެކަމަށް ހދ އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ.
އެގޮތުން ރަށްރަށުގެ ސްކޫލުތަކުން ބޭއްވި މުބާރާތްތަކުން އެންމެ ރަގަޅު ނަތީޖާ ހޯދިކުދިން އަތޮޅު މުބާރާތުގައި މިހާރު ބައިވެރިކޮށްފައިވާކަމަށް މައުލޫމާތުދެ އެވެ. އަތޮޅު މުބާރާތުގައި ބައިވެރިވެފައިވާ ރަށްރަށަކީ، ހދ.ކުޅުދުއްފުށި، ހަނިމާދޫ، ނޮޅިވަރަމް، ކުރިނބި، ނައިވާދޫ، މަކުނުދޫ، ވައިކަރަދޫ އަދި ނޭކުރަންދޫ އެވެ.
އަތޮޅު ތެރެއިން މުބާރާތަށް ވަޑައިގަންނަވާ ބޭފުޅުންނާއި ކުދިން އެރަށްރަށުން ގެނައުމާއި ގެންދިއުމުގެ އިތުރުން ކެއުމާއި ނިދުމުގެ ހުރިހާ ކަމެއްވެސް ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާކަމަށް ހދ އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށީގައި ހުރި ފަސް ސްކޫލުންނާއި އެސްކޫލުތަކުގެ ޕީޓީއޭއިން އަދި އޭގެ އިތުރުން މުބާރާތުގައި ބައިވެރިވި އެހެނިހެން ރަށްރަށުގެ ސްކޫލުތަކުންނާއި އެސްކޫލުތަކުގެ ޕީޓީއޭއިން ލިބެމުންދާ އެހީތެރިކަން އަތޮޅު ކައުންސިލުން ފާހަގަކުރާކަމަށް އަލީ މުހައްމަދު ވިދާޅުވިއެވެ.
އަދި މިއަހަރުގެ މުބާރާތަށް ހޯލް ތައްޔާރު ކުރުމުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދެއްވާ ކުޅުދުއްފުށީގެ ޖަމްއިއްޔާއެއް ކަމަށްވާ ސްކައި ޖަމްއިއްޔާގެ އެހީތެރިކަމާއި އެއްބާރުލުން އަތޮޅުކައުންސިލުން ފާހަގަކުރާކަމަށް އަލީ މުހައްމަދު ވިދާޅުވިއެވެ.
ގުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހު 14 އިން 16 އަށެވެ. މުބާރާތުގައި ޖުމްލަ 95 ކުދިންބައިވެރިވާ ކަމަށާއި އެކުދީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ކޮންމެ ސްކޫލަކުން ދެބެލެނިވެރީންނައި ދެއޮފިޝަލުން ކުޅުދުއްފުއްޓަށް އަންނާނެކަމަށް މުބާރާތުގެ ކޯޑިނޭޓަރ އަލީ މުހައްމަދު މަޢުލޫމާތު ދެއެވެ.