ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންގޮސްފައިވަނީ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓާ އެއްގޮތަށް ތޯ ބެލުމުގެ މަސައްކަތް އެންވަރމެންޓް މިނިސްޓްރީން ފަށައިފި އެވެ. މި އިންސްޕެކްޝަންގައި ކުރިއަށްގެންދަނީ އެންވަރމެންޓް މިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުން ހިންގަމުންދާ އެންވަރމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އޮފިޝަލުންގެ ޓީމަކުންނެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް ތަރައްގީކޮށްފައިވަނީ ރަށުގެ އުތުރު ކޮޅުގައި އޮންނަ ގުދުރަތީ ބޮޑު ކުޅިއެއްގެ އެއްބައި ހިއްކައިގެންނެވެ. މިކުޅިއަކީ ރާއްޖޭގައި އޮތް ހަމައެކަނި ބޮޑު މަށިކުޅި އެވެ.
ގުދުރަތީ އެތަކެއް ރީތިކަމެއް ލިބިފައިވާ ކުޅިން ބަޔަކާއި އެސަރަހައްދުގެ މޫދުން ބައެއް ހިއްކައިގެން އެއާޕޯޓަށް ބޭނުންވާ ބިންވަނީ ހިއްކާ ނިންމާ، ރަންވޭއެއްވެސް އަޅާފަ އެވެ.
އީޕީއޭގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އީއައިއޭގެ ރިޕޯޓާ އެއްގޮތަށް ތޯ ބެލުމަށްޓަކާ އިންސްޕެކްޝަން ކުރިއަށްގެންދާ ކަމަށެވެ.
“އީއައިއޭ ރިޕޯޓާ އެއްގޮތަށް ތޯ މަސައްކަތް ކުރިއަށްގޮސްފައިވަނީ. ކިހިނެއް ތޯ މަސައްކަތް ކުރިއަށް ދިޔައީ ބަލާނަން. އަދި ހިއްކާފައިވަނީ އީއައިއޭގެ ރިޕޯޓްގައި އޮތްވަރަށް ތޯ. ނޫނީ އެއަށްވުރެ ބޮޑަށް ތޯ ނޫނީ ކުޑަކޮށް ތޯ ވެސް އަޅުގަނޑުމެން ބަލާނަން.” އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސަރަހައްދުގެ ފުރިހަމަ ކުރެހުންތަކާއި ޑޭޓާތައް މިހާރު ވަނީ ނަގައި ނިންމާލައިފަ އެވެ.
ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދު މަތިން ފެންނަ މަންޒަރެއް–ފޮޓޯ: އިރުޝާދު
އޭނާ ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް އާއި އެމްޓީސީސީގެ މިކަމުގައި ވަރަށް ބޮޑަށް އެއްބާރުލުންދޭ ކަމަށެވެ. އެގޮތުން އެސަރަހައްދަށް އެ ފަރާތްތަކަށް ބޭނުންވާ ގަޑިތަކުގައި ގޮސް ވަދެވޭނެ ގޮތް ހަދައިދީފައިވާ ކަމަށެވެ.
އެތައް ހުޅުވާލައި ހިމާޔާތްކުރުމުގެ ވިސްނުން މިނިސްޓްރީގައި ހުރިކަމަށާއި އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. ލޮނު ވަންނާނެހެން ކޯރެއް ކަނޑާލާއި ކުޅި ސަރަހައްދު ރިހިބިލިޓޭޓް ކުރުމުގެ ވިސްނުން ހުރިކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބުރާހިމް ޒިޔަތު މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ ރަންވޭ ހެދުމަށް ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި އެއީ ކުޅިން 9 ހެކްޓަރު ބިމާއި މޫދުން 6 ހެކްޓަރުގެ ބިން ކަމަށެވެ. ނަމަވެސް އީއައިއޭ ރިޕޯޓްގައި ބުނެފައިވާ ވަރަށްވުރެ ބޮޑަށް އެސަރަހައްދު ހިއްކިކަމަށް ބުނެ ތިމާވެއްޓަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ކުޅީގައި ނުހިއްކަ އޮތް ބާކީ ބައި ފެންނަ ފޮޓޯއެއް–ފޮޓޯ: އިރުޝާދު
އަދި ރަންވޭގެ ހުޅަނގު ފަރާތުގައި ޖަހާފައިވަނީ އެ ރިޕޯޓްގައި ހިމަނާފައިވާ ވަރަށްވުރެ ކުޑަ ހިލަތަކެއްކަމަށްވެސް އަޑުއުފުލާ ފަރާތްތަކުން ބުނެފައިވެ އެވެ. ވިއްސާރަވެ، މޫސުމް ގޯސްވުމުގެ ސަބަބުން މީގެ ކުރިން ވަނީ އެތަނުގައި ޖެހި ހިލަތޮށިން ބައެއް ވެއްޓި ގެއްލުންވެސް ވެފަ އެވެ.