ހދ ނޭކުރެންދޫގެ ތަރައްގީއަށް މުހިއްމު މަޝްރޫއުއެއް 2019 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިދެއްވުމަށް ސަރުކާރުގައި އެދިވަޑައިގެންފައިވާނޭކަމަށްވެސް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު އުސްތާޒާ އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
އަނާރާ ނައީމް މިހެން ވިދާޅުވީ ހދ އަތޮޅު ކައުންސިލުން ނޭކުރަންދޫ ކައުންސިލާއި ގުޅިގެން އެރަށުގައި އިމާރާތްކުރި އެއްކޮޓަރީގެ އެޕާޓްމެންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނޭކުރަންދޫއިން މިފެންނަ އިމާރާތްތަކާއި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުން ރަމްޒުކޮށްދެނީ އެކުވެރިކަން ކަމަށާއި ނޭކުރެންދޫއަށް ލިބޭ ކުރިއެރުމުގެ އަސްލަކީ ރައްޔިތުންގެ ބުރަ
މަސައްކަތް ކަމުގައި އެކަމަނާ ވިދާޅުވި އެވެ.
އަނާރާ ވިދާޅުވީ މިފަދަ މަޝްރޫއެއް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމަށްޓަކާ އަތޮޅު ކައުންސިލަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެކަމަނާ މަސައްކަތް ކުރައްވާނީ އަލަށް އިންތިހާބުވި ސަރުކަރާ ގުޅިގެން ކައުންސިލްތައް ބާރުވެރިކުރުމަށާއި ރަށްރަށަށް ތަރައްޤީ ހޯއްދަވައި ދެއްވުމަށްކަމުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ ރައްޔިތުންވެސް އަމާޒު ކުރަންވާނީ ރަށަށް ލިބެން ހުރި ކުރިއެރުންތަކަކީ ކޮބައިތޯ ބަލައި، މަޝްރޫއުތައް ރަށަށް ގެނައުމަށް ކަމަށެވެ. އަދި ނޭކުރަންދޫ އާބާދު ކުރެވޭނީ ކިހިނެތް ހަދައިގެންތޯ އާއި ހިޖުރަ ކުރުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.