twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަނިމާދޫން ކީ ހޫނު މަރުހަބާއިން ބެލެނިވެރިން ފެންކަޅިކޮށްލައިފި

Nov 6, 2018

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހާސިލުކުރަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ނުވަތަ ސަން ޝައިން ކުދިން ކޮންމެ އަހަރަކުވެސް އެނުއަލް ޓްރިޕެއް ދެ އެވެ. އެގޮތުން އެދަރިވަރުން މިއަހަރު ދަތުރު ދިޔައީ ހދ ހަނިމާދޫ އަށެވެ.

ދަތުރުގައި ބައިވެރިވި 16 ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ސްކޫލުގެ 14 މުވައްޒަފުން ހަނިމާދޫއަށް ލެފިތަނުން ވަނީ ހޫނު މަރުހަބާ ކިޔާފަ އެވެ. ދަތުރުގެ ހުރިހާ ބައިވެރިންނަށްވެސް ލިބިގެންދިޔައީ ސަޕްރައިޒެކެވެ. މުޅި ސަރަހައްދު ގައުމީ ދިދަ ޖަހާ ޒީނަތްތެރިކޮށްފައިވާއިރު އިސްތިގުބާލުގައި އެރަށުގައި ހުންނަ ސަރުކާރު މުވައްސަސާތަކުގެ އިސް ބޭފުޅުން ތިއްބެވެ.

ކެތިއަރާ ޖަމިއްޔާގެ ސަގާފީ ހަރަކާތްތަކާއެކު މަރުހަބާގެ ކަންތައްތައް ކުރިއަށްގެންދިޔަ ފުރިހަމަކަމުން ދަތުރުގެ ބައިވެރިވި ބެލެނިވެރިން ތިބީ އުފަލުން ފެންކަޅިވެފަ އެވެ. ” މިކުދިންގެ ގޮވައިގެން އަޅުގަނޑުމެން އެކި ރަށްރަށަށް ގޮސް ހަދަން، އެކަމަކު މިހާ ފުރިހަމައަށް މަރުހަބާއެއް އަދި ދުވަހަކުވެސް ބަޔަކު ނުކިޔާ.” އެތަނުގައި ހުރި ބެލެނިވެރިޔަކު ބުންޏެވެ.

ހދ އޭއީސީގައި ތައުލީމު ހާސިލުކުރާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ހަނިމާދޫން ހޫނު މަރުހަބާއެއް ކިޔަނީ–

ކެތިއަރާ ޖަމިއްޔާ އާއި އެރަށުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކެއް މުގުލުގައި ތިބެގެން ކީ މި ހޫނު މަރުހަބާގައި އެމްއެންޑީއެފް، ޕޮލިސް، ހަނިމާދޫ ސްކޫލް، ކައުންސިލް ފަދަ މުވައްސަސާތަކުން ވަރަށް ބޮޑު އެއްބާރުލެއް ދީފައިވެ އެވެ.

ހދ އޭއީސީގެ ސަންޝައިންގެ ލީޑިންގ ޓީޗަރު ފާތުމަތު މުހައްމަދު ވިދާޅުވީ ތަފާތު މާހައުލަކުން އެހާ ހޫނު މަރުހަބާއެއް ކީމަ އުފަލުންގޮސް ފެންކަޅިވި ކަމަށެވެ.

” އަލަށް އަޅުގަނޑުމެންނަށް މިހާ ހޫނު މަރުހަބާއެއް މިކީ. ވަރަށް ގުރޭންޑްކޮށް މަރުހަބާގެ ކަންތައްތައް ކުރިއަށްދިޔައީ. ހަރަކާތްތަކުގައިވެސް ވަރަށް ފުރިހަމަ.” ފާތުން ވިދާޅުވި އެވެ

އޭނާ ވިދާޅުވީ ކެތިއަރާ ޖަމިއްޔާ އާއި މުވައްސަސާތަކުން ގުޅިގެން ކުރިއަށްގެންދިޔަ މިހަރަކާތުގެ އިންތިޒާމްތައްވެސް ވަރަށް ފުރިހަމައަށް ރާވާލާފައިވާކަން ފާހަގަކުރެވިގެންދިޔަ ކަމަށެވެ. އެކަމުގައި ހަނިމާދޫގެ މުވައްސަސާތަކުން ގުޅިފައިވާ މިންވަރު ވަރަށް ރަނގަޅަށް ފެނިގެންދިޔަ އެވެ.

ހދ އޭއީސީގައި ތައުލީމު ހާސިލުކުރާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ހަނިމާދޫން ހޫނު މަރުހަބާއެއް ކިޔަނީ–

މުވައްސަސާތަކަށް ޒިޔާރާތްކޮށް އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްތައް ދަރިވަރުންނަށް ދައްކާލުމަށް އެ މުވައްސަސާތަކަށް ޒިޔާރާތްކުރުމުންވެސް އެދަރިވަރުންނަށް ހޫނު މަރުހަބާއެއް ކީ ކަމަށް ފާތުން ވިދާޅުވި އެވެ.

މިދަތުރުގައި ބައިވެރިވި ބެލެނިވެރިއެއްކަމަށްވާ، ސާދުނާ ބުނީ ގަބޫލުކުރަންވެސް ދަތިވި ކަމަށެވެ. “ވަރަށް އުފާވި އެފަދަ ކުދިންތަކަކަށް އެހާ ހޫނު މަރުހަބާއެއް ކީމަ.”

އޭނާ ބުނީ ހުރިހާ ބެލެނިވެރިންވެސް ތިބީ ވަރަށް ހިތްހަމަޖެހި އުފަލުން ކަމަށެވެ. މުޅިންވެސް ފެނިގެންދިޔައީ ސަޕްރައިޒްތަކެއްކަމަށެވެ.

ދަރިވަރުންގެ މިދަތުރުގައި އެރަށުގައި ހުރި ބައެއް މުވައްސަސާތަކަށް ޒިޔާރާތްކޮށް އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް އެކުދިންނަށް ދައްކާލާފައިވެ އެވެ. އަދި ފަރުކޮއިގެ ހަރަކާތްތަކެއް ދަރިވަރުންނަށް ގެންގޮސްފައިވެ އެވެ.

ހދ އޭއީސީގައި ތައުލީމު ހާސިލުކުރާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ހަނިމާދޫން ހޫނު މަރުހަބާއެއް ކިޔަނީ–

އެމްއެންޑީއެފްގައި މަލްޓިމީޑިއާ ކޯސް ހަދަމުން އަންނަ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންވެސް ސަންޝައިންގެ ޓީމާ އެކު މުޅި ދުވަސް ހޭދަކުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. އެކުދިންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް މިދަތުރުގައި ލިބިގެންދިޔަ އެވެ. ފާތުން ވިދާޅުވީ މިކަމުގައި އެފަރާތަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެއްވި ހަނިމާދޫގެ ހުރިހާ މުވައްސަސާތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355