އެސްޓީއޯއިން ރާއްޖެ އެތެރެކުރި ގޮދަން ފުށްތަކެއްގައި މައްސަލަ އުޅޭތީ އެ ކަމަށް ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެފްޑީއޭއިން ބުނީ އެސްޓީއޯއިން ވިއްކާ 17016853 ބެޗް ނަމްބަރުގެ ފުށުގައި ގަދަ ވަހަކާއި ތަފާތު ރަހައެއް ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން އިލްތިމާސްކުރަނީ އެސްޓީއޯއިން ފުށް ގަތުމާއި ބޭނުންކުރުމުގައި ސަމާލުވުމަށެވެ. އަދި މިފަދަ ފުށެއްނަމަ ބޭނުން ނުކުރުމަށެވެ.
އެ އިދާރާއިން ހާމަކުރިގޮތުގައި 17016853 ބެޗް ނަމްބަރުގެ ފުށް ދެނެގަންނަން އެންމެ ފަސޭހަ ގޮތަކީ އޭގެ ވަހުން ކަމަށެވެ. ފުށުގައި ދުވާ ވަހުގެ ބަދަލުގައި ގަދަ އެހެން ވަހެއް އެ ފުށުގައި ހުންނަ ކަމަށެވެ.
އަދި އެ އިދާރާއިން ހާމަ ކުރި ގޮތުގައި އެސްޓީއޯއިން ވިއްކާ ފުށުގެ ބާވަތުން މައްސަލަތަކެއް ހުރިކަން ފާހަގަވެ އެ މައްސަލަ ބަލަމުންދާކަމަށެވެ. އެސްޓީއޯގެ ގުދަން ތަކާއި އާއްމު ފިހާރަތައް ބަލައި އެ ފަދަ ފުށްތައް ނަގަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ފުށް އެތެރެކުރަނީ ތުރުކީންނެވެ. ނަމަވެސް މައްސަލަ ޖެހުނީ ކޮން ގައުމަކުން އެތެރެކުރި ފުށަކުން ކަމެއް ނޭނގެ އެވެ.