twitterviber whatsapp telegramfacebookyoutube instagram
29th March 2024

މެޗު ބަލަން ގޮސް ކުރަންވީ މަލާމާތެއް ނޫން، ދޭންވީ ހިތްވަރު!

Nov 7, 2018

ކުޅުދުއްފުށީގައި މިހާރު އެންމެ ފޯރީގައި ކުރިއަށްދާ މުބާރާތަކީ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފުޓްސަލް މުބާރާތެވެ. ކުޅުދުއްފުށީގައި މިމުބާރާތް ކުރިއަށްގެންދާ މިއީ 3 ވަނަ އަހަރެވެ. އެހެންނަމަވެސް ބަދަލު ނުވެ އޮތް ކަމެއް އެބައޮތެވެ. މުބާރާތް ފެށިގެން އައި ފުރަަތަމަ އަހަރަކީ ޔަގީނުންވެސް އެކަމަށް ބޮޑު ސަޕޯޓަކާއި ތާއިދެއް އޮތް އަހަރެކެވެ. ނަމަވެސް ފަހުން އައިސް މަގުބޫލުކަން ދަށްވި އެވެ.

ސަބަބަކީ ހަމަ އެންމެ ސަބަބެކެވެ. ކުޅިވަރުގެ ރޫހާ ނުގުޅޭ ސަޕޯޓެވެ. ހިތްވަރުގެ ބަދަލުގައި ކުރެވޭ މަލާމާތެވެ. މިއީ މުބާރާތް ފެށުމާއެކު ގިނަ ކުޅުންތެރިންގެ ޝަކުވާއެވެ. މި މުބާރާތުގެ ރޫހާއި ޖޯޝު ގެއްލުމުގެ އަސްލު ސަބަބެވެ.

މެޗު ކުރިއަށް ދާއިރު އެ ހިސާބުގެ އަޑު ކިތަންމެހާވެސް ގަދަ އެވެ. އެކަމަކު ކައިރިއަށް ގޮސް ހުއްޓިލުމުން އެންމެ ކުރަނީ ސަޕޯޓް ނޫންކަން ވަރަށް ރީތިކޮށް އެނގިގެން ދެއެވެ. ހިތްވަރުދިނުމަށް ކުރާ ސަޕޯޓަށްވުރެ މަލާމާތާއި ފުރައްސާރަކޮށް ދޭ “ސަޕޯޓުގެ” އަޑު މާގަދަ އެވެ. ބައެއް ފަހަރު “އަވަގުރާނު” ގޮވާއަޑުވެސް އިވެ އެވެ.

ކުޅެން އަރާތިބި ކުޅުންތެރިންނަށް ދެރަވެ ލަދުގަންނަވާލާފަދަ ގޮތަކަށް ސަޕޯޓަރުންގެ ބަހުރުވަ ހުރުމުގެ ސަބަބުން ކުޅެން ނުކެރި ދަނޑުމަތީ ދުވެލަން ނުކެރިފަ ތިބެން ޖެހޭ ފަހަރުވެސް މަދެއްނޫނެވެ. އެއީ ފަހަރުގައި އަންހެނުން ކުޅެން އަރައި ތިބުމުން ރައްދުވާ ބަސްތަކެއްކަމަށް ބައެއް މީހުން ބުނާއިރު ހިތާމައަކީ މަލާމާތް ކުރުމުގައި ފިރިހެން ސަޕޯޓަރުންނާއި ގާތްގަނޑަށް އެއްވަރަށް އަންހެން ސަޕޯޓަރުންވެސް ހިއްސާ ވާކަމެވެ.

އަންހެން ފުޓްސަލް މުބާރާތުގެ ތެރެއިން.

” އަޅުގަނޑު ކުޅެންދާތީ ސަޕޯޓްކޮށް މެޗު ބެލުމަށް އަހަރެންގެ 9 އަހަރުގެ ދަރިފުޅު ދޭ. އެކަމަކު ފުރަތަމަ ރޭއިން ފެށިގެން އެތަނުގައި ގޮވާ އެއްޗެހީގެ ސަބަބުން ދަރިފުޅެއް ނުގެންދަން. އޭނަ ވަރަށް ދާހިއްވޭ މަންމަ ކުޅޭތަން ބަލަން އެކަމަކު ކީއްކުރަނީ ދޯ.” މުބާރާތުގައި ކުޅޭ އަންހެނަކުން ބުންޏެވެ.

އަންހެނުން ބާރުވެރިކުރުމަށް އަންހެނުންގެ ރޯލަކީ މުހިއްމު އެއްޗަކަށް ވާއިރު އެކަން މި މުޖުތަމައު ތެރެއިން ނުފެންނަކަން މިފަދަ މުބާރާތްތަކުން ވަރަށް ރީތިކޮށް އެބަ ފާހަގަ ވެއެެވެ. މިއީ ޝަކުވާއަކީ ހަމައެކަނި ކުޅުންތެރިންގެ ޝަކުވާއެއް ނޫނެވެ. ގިނަ ޓީމުތަކަކުން ކަންބޮޑުވާ މައްސަލައެެކެވެ. އެއްވެސް ޓީމެއް އެޓީމެއްގެ ޕާފޯމެންސް އެންމެ އެކަށީގެންވާ ގޮތުގައި ނުދެއްކުމުގެ ސަބަބަކަށް ސަޕޯޓަރުން ވާނަމަ، ސަޕޯޓަރުންގެ ބަސް މޮޅުވުމަށް ލިބޭ ހިތްވަރެއްގެ ބަދަލުގައި ދަށް ވުމުގެ ސަބަބެއް ކަމުގައި ވާނަމަ ސަޕޯޓަރުންގެ ބޭނުމެއް ކުޅުންތެރިންނަކަށް ހަގީގަތުގަ ނެތެވެ.

މުބާރާތުގައި ވާދަކުރާ ޓީމެއްގެ އޮފިޝަލު ބުނީ އެޓީމަށް ކުޅެން ރަށުން ބޭރުން ގެނެސްގެން އުޅޭ ކުޅުންތެރިޔަކުވެސް ބައެއް ސަޕޯޓަރުންގެ ބަސްމަގު ހުރިގޮތުން ހިތްހަމަނުޖެހުންފާޅުކުރި ކަމަށެވެ.

ގިނަ ޓީމުތަކެއްގައި ރަށުން ބޭރުގެ ކުޅުންތެރިންވެސް ހިމެނޭއިރު މަދު ނަމަވެސް ސަޕޯޓަރުންގެ ސަބަބުން މުޅި ރަށުގެ ނަން މިދަނި ހަޑިވަމުންނެވެ. ސަޕޯޓުކުުރުމުގެ އަސްލު އޮޅި ބުލީ ކުރެވެމުންދާއިރުވެސް ރޭކާނުލަ އެވެ.

އަންހެން ފުޓްސަލް މުބާރާތުގެ ތެރެއިން.

ކުޅިވަރު ހަރަކާތްތަކުގައި އުޅުއްވާ އަބުދުއްރަޝީދު ސައީދު(އަބުސީ) ވިދާޅުވީ ގިނަ ފަހަރަށް އެފަދަ ގޮތަަކަށް ސަޕޯޓަރުންގެ އަމަލުތައް ހުންނަނީ އެއް ޓީމެއްގެ ސަޕޯޓަރުން އިދިކޮޅު ޓީމުގެ ކުޅުންތެރިން “ރާޑި” ކޮށްލައި ދެރަ ކޮށްލަން ކުރާ ކަމެއް ނަމަވެސް އެއީ ކުޅުންތެރިން ކުރިއަށްދިއުމަށް އެޅޭ ހުރަހެއް ކަމަށެވެ.

” ސަޕޯޓަރުންގެ މެދުގައި އެ އޮންނަ ކުރައުޑެއްގެ ތެރޭގައި މަޖާކޮށް އެެހެން މީހުން އެންޓަޓެއިން ކުރުމަށްވެސް ބައެއް މީހުން އެގޮތަށް އަމަލުކުރޭ. އެފަދަ ކަމެއް ކުރާއިރު ނުވިސްނެނީކަމަށް ވެދާނެ މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން. އެފަދަ ކަމެއްގައި ދިމާވާ ކަމަކުން ކުޅުންތެރިން ކުޅުމާ ދުރަށް ދިއުމަކީވެސް ވަރަށް ގާތްކަމެއް.” އަބުސީ ވިދާޅުވި އެވެ.

ގިނަ ކުދިން މުބާރާތްތަށް ކުޅެން އަރަނީ ވަރަށް އާކޮށް ތިބެފަކަމުން ސަޕޯޓްކުރާ ބައެއް ފަރާތްތަކުގެ މިފަދަ އަމަލުތަކުގެ ސަބަބުން މިފަދަ މުބާރާތްތަކުގައި ބައިވެރިވާ ކުދިންގެ އަހަރުން އަހަރަށް މަދުވެ، މުބާރާތް ނުހިފެހެއްޓިދާނެކަމުގެ ކަންބޮޑުވުންވެސް އޮތްކަމަށް އަބުސީ ފާހަގަކުރެއްވި އެވެ.

މިކަމުގެ އެންމެ ބޮޑު ހެއްކަކަށް ބައިވެރިވި ޓީމުތަކުގެ އަދަދު ފުދެއެވެ. 12 ހާހުގެ އާބާދީއެއް އޮންނަ ކުޅުުދުއްފުށީން އެންމެ 7 ޓީމް ފުޓްސަލަ މުބާރާތަކަށް އެއީ މަދު އަދަދެކެވެ. ބައެއް ޓީމުތަކުގެ އޮފިޝަލުން ބުނީ ރަށުގެ ކުދިން ކުޅެން ދެކޮޅު ހަދާ އެންމެ ބޮޑު ސަބަބަކީ ރައްދުވާ މަލާމާތްތާއި ފުރައްސާރަ ކަމަށެވެ. އެކަމުގެ ސަބަބުން ކުދިން ކުޅުމަށް ފަސްޖެހި ޓީމުތަކުގައި ބައިވެރިވުމަށް ދެކޮޅުހަދާކަމަށެވެ.

އަބުސީ ވިދާޅުވީ މިފަދަ މައްސަލަތައް މުޅިން ހައްލުނުކުރެވުނަސް މަދުކުރެވިދާނެ ކަމަށެވެ. އަދި އޭނާވަނީ މިފަދަ މައްސަލަތައް މަދުކުރެވިދާނެ ތިން ހިޔާލެއްވެސް ދީފަ އެވެ. އެގޮތުން މުބާރާތްތައް ރާވާއިރު ކޮންމެވެސް ޝިއާރެއްގެ ދަށުން ކުރިއަށްގެންދިޔުމާއި މެޗު ފެށުމުގެ ކުރިން ރަނގަޅު މެސެޖެއް ޕަބުލިކަށް ދޫކޮށްލައިފައި މެޗު ފެށުމެވެ.

ކޮންމެ ކަމެއްގެ ހައްލަކީ އަދަބު ދިނުން ނޫން ކަމަށާއި ކުޅިވަރުގެ ރޫޙާ ހިލާފަށް ސަޕޯޓްދޭ ފަރާތްތަކަށް ނަސޭހަތްތެރިވުންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަންހެން ފުޓްސަލް މުބާރާތުގެ ތެރެއިން.

“އަޅުގަނޑުމެންނަށް ބައެއް ފަހަރު ފެނޭ ބައެއް ބޮޑެތި މެޗުތައް ފަށާއިރުވެސް ކެޕްޓަނުންގެ ޕްރޮމިސްއާ އެއްކޮށް ޕަބުލިކަށް ދޫކޮށްލާފަ މެޗު ފަށާތަން. މިސާލަކަށް ބުނާނަމަ ޗެމްޕިއަންސް ލީގުގައި މިހާރު ޕްރޮމޯޓް އެކުރަނީ އީކުއަލް ގޭމް، ދެ ޓީމަށްވެސް ހަމަހަމަ އުސޫލުތަކެއް އެކުލެވޭ ކަހަލަ ގޭމެއް ފެނިގެންދާނެ އޭ. އެކަހަލަ ޝިއާރު އެބަ ޕްރޮމޯޓްކުރޭ. މިއީވެސް އެކަން މަދުކުރެވިދާނެ އެއްގޮތް” އަބުސީ ވިދާޅުވި އެވެ.

އެފަދަ އަމަލުތައް ކުރާ ފަރާތްތަކުގެ ފާހަގަ އެފަރާތްތަކަށް ފަރުދީގޮތުންވެސް ނަސޭހަތްތެރިވެވިދާނެކަން އަބުސީ ފާހަގަކުރެއްވި އެވެ. ސޯޝަލް މީޑިއާއަށް މުބާރާތުގެ ފޮޓޯތައް އަޅާއިރު ބުލީކުރުމާ ދެކޮޅު ޝިއާރުތައް ހިމަނާ ހޭޝްޓެގްވެސް ބޭނުންކުރެވިދާނެކަމަށެވެ.

އެއީ ވަރަށް ނާތަހުޒީބު އަމަލެކެވެ. ރަށުގެ މޮޅެތި ކުޅުންތެރިން އުފެދި، އެކުދިން ކުރިއަރަން ދިމާވާ އެންމެ ބޮޑު ހުރަހަކަށް ރަށުގެ ރައްޔިތުން ވުމީ ހިތާމަ އެކެވެ. މިފަދަ ކަންތައްތައް މަދުކުރަން ޖެހެ އެވެ. އެންމެންގެ އެހީ ބޭނުންވެ އެވެ. މެޗުތައް ބަލަން ގޮސް ތިބެނި ދުރު ބައެއް ނޫނެވެ. މަންމަ ކުޅޭތަން ބަލަން ގޮސް ފިރިމީހާ އާއި ދަރިންވެސް ތިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355