އަތޮޅުތެރޭގައި ގިނަ އެއާޕޯޓުތަކެއް އެޅުމުގެ ބަދަލުގައި ރަނގަޅީ އަގުހެޔޮ ހަލުވި ފެރީ ނިޒާމެއްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހާރު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން އެރަށުގައި އެމްޑީޕީ އޮފީހެއް ހުޅުވައި ދެއްވުމަށްފަހު އެރަށު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެމުން ވިދާޅުވީ ފްލައިޓް ދަތުރުތަކަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުން ޓިކެޓުގެ އަގު ބޮޑުވާ ކަމަށާއި އެވަރުގެ ހޭދައެއް ކުރާނެ ތަނަވަސްކަން އެބަ ހުރިތޯ ސުވާލު ކުރެއްވި އެވެ.
އެހެންކަމުން އެއާޕޯޓުތައް އިތުރު ކުރުމުގެ ބަދަލުގައި ރަނގަޅު ގޮތަކީ ރަނގަޅު، ހަލުވި، އަގުހެޔޮ ފެރީގެ ނިޒާމެއް ގާއިމްކުރުން ކަމަށާއި އަމާޒަކީ 50ރ. – 100ރ. އަށް މިރަށުން ރޭގަނޑު ފުރައިގެން ހެނދުނު މާލެ ދެވުންކަމަށް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ސިޔާސީ މަންފާ ހޯދަން އެއާޕޯޓްތައް އަޅައިދޭނެކަމުގެ ވައުދުވާކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށެވެ.
ކައިރީގައި އެއާޕޯޓެއް ބާއްވަން ރައްޔިތުންނަށް އެދުނަސް އެއީ ތަރައްގީގެ ރަނގަޅު ތަސައްވަރެއް ނޫން ކަމަށާއި އާޕޯޓްތައް އަޅަން ދެކޮޅުނުޖެހޭ ހަރަދުތައް ކުރުމުގެ ސަބަބުން އެފައިސާ އަނބުރާ ދައްކަން ޓެކްސް އާއި އެހެނިހެން ގޮތްގޮތުން ހޯދަން ޖެހެނީ ރައްޔިތުންގެ އަތުންކަމަށް ނަޝީދު ވިދާޅުވި އެވެ.