twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވަށަފަރުގެ އާ އިންޖީނުގެއިން ހިދުމަތް ދޭން ތައްޔާރުވަނީ

Nov 10, 2018

ހއ ވަށަފަރުގަ ސަރުކާރުން ތަރައްގީކުރަމުންދާ އާ އިންޖީނުގޭގެ މަސައްކަތް ނިންމާ ހިދުމަތް ދޭން ތައްޔާރުވަމުންދާކަމަށް އެރަށު އިންޖީނުގެއިން ބުނެފިއެވެ.

އާ އިންޖީނުގޭގެ މަސައްކަތް ކުރިޔަށްދާ ގޮތް ޕީއެސްއެމް ނިއުސްއާއި ހިއްސާ ކުރައްވަމުން ވަށަފަރު އިންޖީނުގެއާ ހަވާލުވެހުންނެވި އެސިސްޓެންޓް މެނޭޖަރ މުހައްމަދު ސަލާހު ވިދާޅުވީ އިންޖީނުގޭގެ އިމާރާތުގެ މަސައްކަތް ނިމިފައިވާކަމަށާއި މިހާރު ކުރިޔަށްދަނީ އިންޖީނުތައް ސައުންޑް ޕްރޫފް ކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ހޯދުމާއި މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެއާ އާ އިންޖީނުގެ ގުޅުވުމަށްޓަކައި ބޭނުންވާ ޕަވަރ ކޭބަލް އެޅުމުގެ މަސައްކަތްކަމަށެވެ.

އަދި މި މަސައްކަތައް ބޭނުންވާ ތަކެތި ލިބުނުހާ އަވަހަށް މަސައްކަތް ނިންމާ އިންޖީނުގެއިން ހިދުމަތްދޭން ފަށާނެކަމުގެ ޔަގީންކަން ސަލާހު ދެއްވިއެވެ.

އާ އިންޖީނުގެއިން ހިދުމަތްދޭން ބޭނުންވާ 60ކިލޯ ވޯލްޓާއި 80 ކިލޯ ވޯލްޓްގެ ޖަނަރޭޓަރުތައް އިންސްޓޯލްކޮށް ނިމިފައިވާކަމަށްވެސް ސަލާހު ވިދާޅުވިއެވެ

ހއ.ވަށަފަރުގައި ދިރިއުޅެމުންދާ ރައްޔިތުނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެރަށުގައި މިހާރު ހިދުމަތް ދެމުން އަންނަ އިންޖީނުގޭގެ މައްސަލައެވެ. ވަށަފަރުގައި މިހާރު ބޭނުން ކުރަމުން އަންނަ އިންޖީނުގެއަކީ މީގެ 15 ވަރަކަށް އަހަރު ކުރިން ޤާއިމުކޮށްފައިވާ ރައްޔިތުންގެ އިންޖީނުގެއެއްކަމަށާއި މިހާރު މުޅި ރަށަށް ހިދުމަތް ދެމުން އަންނަނީ 160 ކިލޯ ވޯލްޓް އަދި 200 ކިލޯވޯލްޓް ގެ ދެ ޖަނަރޭޓަރުންކަމަށް އިންޖީނުގެއާ ހަވާލުވެހުންނެވި އެސިސްޓެންޓް މެނޭޖަރ މުޙައްމަދު ޞަލާޙު ވިދާޅުވިއެވެ.

މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެ ހުންނަނީ ރަށުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައެވެ. އެހެންކަމުން އިންޖީނުތަކުގެ އަޑުގަދަވުމާއި އިންޖީނުގެއިން ބޭރުވާ ދުމުގެ އަސަރު ކައިރީގެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރަމުންދާކަމުގެ ސަކުވާތައް ލިބޭކަމަށް ސަލާހު ވިދާޅުވިއެވެ.

މި މައްސަލަތައް ހައްލު ކުރުމަށްޓަކައި ސަރުކާރުން ވަނީ ރަށުގެ ރައްޔިތުންނަށް އުނދަގޫ ނުވާފަދަގޮތަށް ރަށުގެ ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދާ ދުރުގައި އާ އިންޖީނުގެއެއް އިމާރާތްކޮށް އެތަނުގެ ހިދުމަތް އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ފެނަކައާއި ހަވާލުކުރައްވާފައެވެ. އާ އިންޖީނުގެއިން ހިދުމަތްދޭން ފެށުމާއެކު ވަށަފަރުގެ ރައްޔިތުނަށް މިހާރު ދިމާވެފައިވާ މައްސަލަތަކައް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355