twitterviber whatsapp telegramfacebookyoutube instagram
20th April 2024

މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވާކަން އަބުސީ ހާމަކޮށްފި

Nov 10, 2018

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރަަން ނިންމާފައިވާކަމަށް ކުޅުދުއްފުށީ، ވައްތީނީގެ/ އަބުދުއްރަޝީދު އާދަމް ހާމަކުރައްވައިފި އެވެ.

އަބުސީ މިކަން ހާމަކުރެއްވީ ކޭއޯއަށް ދެއްވި އިންޓަވިއުގަ އެވެ. އަބުސީއަކީ އެމްޑީޕީ އުފެދުނީސުރެއް އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. އަދި ރައީސް މައުމޫނުގެ ވެރިކަމުގެ ސިޔާސަތަށް ފާޑުކިޔައި ލިޔުންތައް ޝާއިރު ކުރުމުން އޭނާވަނީ ޖަލަށްވެސް ދާން ޖެހިފަ އެވެ. އަދި ތަފާތު ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހައްޔަރުވެ ޖުމުލް 6 ފަހަރު އަބުސީ ވަނީ ޖަލުގެ ކުޑަގޮޅި ތަހައްމަލުކޮށްފަ އެވެ.

އަބުސީ ރަށުގެ ގޮނޑިއަކަށް ކުރިމަތިލި މައިގަނޑު ސަބަބަކީ ސިޔާސީ ގޮތުން ރަށް ބާރުވެރިކުރުވުމަށެވެ. ހަގީގީ ތަރައްގީ ގެނެސްދެވޭނީ ސިޔާސީގޮތުން ރަށު މީހުން ބާރުވެރިކުރުވައިގެން، މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

އަބުސީ ވިދާޅުވީ މި ހުރިހާ ދުވަސްވީއިރުވެސް ރަށު ދަރިޔަކު މަޖިލީހުގައި ނެތް ކަމަށާއި މިފަހަރު މަޖިލީހުގެ ގޮނޑިތަކަށް ރަށުގެ ގިނަ ބަޔަކު ޝައުގުވެރިކަންފާޅުކުރުމަކީ ވަރަށް ރަނގަޅުކަމެއް ކަމަށެވެ. އަދި ގިނަ ބައެއްގެ މެދުގައި ވާދަވެރިކަމާއެކު ފްރައިމަރީއެއް ބާއްވައިގެން ކެނޑިޑޭޓެއް ހޮވުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ދާއިރާއިން ކުރިއަށްދިއުމުގެ ވިސްނުމުގައި އަބުސީ މަސައްކަތްކުރައްވާއިރު އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކުރެއްވުމުގައި ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ މީހެއްކަމަށްވުމުން އެމްޑީޕީގެ މެމްބަރުން ބަލައިގަންނާނެކަމަށް އުންމީދުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

” އަޅުގަނޑަކީ އެމްޑީޕީގެ ދުވަސްވީ މީހަކަށްވާތީ ގަބޫލުކުރަން ޕާޓީގެ އާންމު މެމްބަރުންވެސް އެކަން ދަންނާނެކަމަށް އަދި އަޅުގަނޑު އެދެނީވެސް މިކަމުގައި އެމީހުންގެ ފަރާތުން އެހީތެރިކަން.” އަބުސީ ވިދާޅުވި އެވެ.

ކޯލިޝަން ވެރިކަމެއް އައީ ރައްޔިތުންނަށް ގިނަ ވައުދުތަކެއްވެގެން މެނިފެސްޓޯއަކާއެކުކަމަށާއި އެ މެނިފެސްޓޯގައި ރައްޔިތުންނަށް ގިނަ ކަންތައްތަކެއްކޮށްދިނުމަށް ހިމަނާފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ގޮނޑިއަށް އިންތިިހާބުވެއްޖެނަމަ މެނިފެސްޓޯގައި ހުރި ވައުދުތައް ތަންފީޒުކުރުމުގައި ސަރުކާރަށް ދެވެން އޮތް ހުރިހާ އެއްބާރުލުންދީގެން ކުރިއަށްދާނެ އެވެ.

ކުޅުދުއްފުށީގައި ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރިކަމަށް ވިދާޅުވަމުން އަބުސީ ވިދާޅުވީ މިވީ މުއްދަތުގެ ތެރޭގައި ހަގީގީ ތަރައްގީއެއް ރަށުން ފެނިގެންނުދާ ކަމަށެވެ. އަބުސީ ވިދާޅުވީ ތަރައްގީކަމަށް ބުނެ ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންނަށް ދައްކަނީ ފޮޓޯތަކެއް ކަމަށެވެ.

” ރަށުގެ ކުލަ ފޮޓޯތަކަކުން ތަރައްގީގެ މަންޒަރުތަކެއް ކޮންމެ ސަރުކާރަކުންވެސް ދައްކަނީ. އެ އެއްޗެހިތަކެއް ހަގީގަތަކަށް ނެތް ވެފައެއް. ފާއިތުވި ފަސް އަހަރުތެރޭގައި ދެއްކި ފޮޓޯތައްވެސް ހަގީގަތަކަށް ވެފައެއްނުވޭ.”

އޭނާ ވިދާޅުވީ މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވައިފިނަމަ ރައްޔިތުން ބޭނުންވާ އުންމީދުތައް ހާސިލުކުރަން ކެނޑިނޭޅި މަސައްކަތްކުރާނެކަމަށެވެ. އަދި މިކަމުގައި އޭނާއަށް ލިބިފައިވާ ތަޖުރިބާ އާއި ހިތްވަރު ބޭނުންކޮށްގެން ރައްޔިތުންގެ އުންމީދުތައް ހާސިލުކުރެވޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތްކަމަށް އަބުސީ ވިދާޅުވި އެވެ.

އަބުސީގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް ޓިކެޓް ހޯދުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް ހާމަކޮށްފައިވަނީ ޕަޗީ/ މުހައްމަދު އަބުދުއްރަހުމާނެ އެވެ. ދެކުނު ދާއިރާއަށް ވާދަކުރައްވާނެކަން އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އާތިފްވަނީ އިއުލާންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355