twitterviber whatsapp telegramfacebookyoutube instagram
16th April 2024

މަޖިލީހަށް ރަށު ދަރިން ހޮވުމަށް ކުޅުދުއްފުށީގައި އަޑުގަދަ!

Nov 11, 2018

އަންނަ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީގެ ދެ ދާއިރާގެ ގޮނޑިއަށް ރަށުގެ ދަރިން ހޮވުމަށް ގިނަ ބަޔަކު ގޮވާލަން ފަށައިފި އެވެ.

ފެހި ގާނޫނު އަސާސީގެ ދަށުން ބޭއްވި މަޖިލީހުގެ ދެ އިންތިހާބުގައި ކުޅުދުއްފުށީ ދެ ދާއިރާގެ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ރަށުން ބޭރު ފަރާތްތަކުންނެވެ. ދެ ދައުރުވެސް ގޮނޑި ކާމިޔާބުކޮށްފައިވަނީ އަލްއުސްތާޒް މުހައްމަދު ނަޝީދު އަދި އަބުދުލްގަފޫރު މޫސާ އެވެ.

އެ ދެ ބޭފުޅުންނާއި ކުޅުދުއްފުއްޓަށް ނިސްބަތްވާ ފަރާތްތަކުން ވާދަކުރިނަމަވެސް ކުރިމަތިވީ ނާކާމިޔާބީއާ އެވެ. އަންނަ މާރޗުމަހު ބާއްވާ މަޖިލިސް އިންތިހާބުގައި ކައިރިވަމުން އަންނައިރު ސޯޝަލް މީޑިއާގައި ދަނީ ކުޅުދުއްފުށީ ރައްޔިތުން ރަށުގެ ދެ ގޮނޑިއަށްވެސް ރަށު ދަރިން ހޮވުމަށް ގޮވާލައި ކެމްޕެއިން ކުރަމުންނެވެ. ރަށުގެ ދަރިން މަޖިލީހަށް ހޮވުމަށް ކުޅުދުއްފުށީ ޒުވާނުން އިސްނަގައިގެން ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ ކެމްޕެއިނުގެ ނަމަކީ ” ރަށު މީހާ ރަށަށް ” އެވެ.

ގިނަ ބަޔަކު ރަށު މީހާ ރަށަށް ފްރޭމް ފޭސްބުކްގައި ބޭނުންކުރަމުންދާއިރު ރަށުގެ ދަރިން މަޖިލީހަށް ނެގުމަށް ތާއިދުކޮށް ތަފާތު ޝުއޫރުތައްވެސް ފާޅުކޮށްފައިވެ އެވެ. އެގޮތުން އާތިފް ފާޅުކޮށްފައިވާ ޝުއޫރުގައި ބުނެފައިވަނީ އާބާދީ ބޮޑެތި ބައެއް ރަށްތަކުގައި ގިނަ ޕްރޮޖެކްޓްތައް ހިންގެނީ އެރަށް ރަށަށް ނިސްބަތްވާ ފަރާތްތަކުން މަޖިލީހުގެ ތެރޭގައި ތިބެގެން ކަމަށެވެ. އަދި އެފަދަ ރަށްތައް ތަރައްގީ ވަނީ ސިޔާސީ ގޮތުން ވަރުގަދަ މަގާމުތަކުގައި އެރަށްތަކަށް ނިސްބަތްވާ މީހުން ތިބެގެންކަން ދަނެ، ކުޅުދުއްފުށީގެ ރައްޔިތުންވެސް އެކަން ބަދަލުކުރެވޭނެ ކަމަށާއި ވަގުތީ މަންފާއަކަށް ނުބަލައި ދަރިންގެ މުސްތަގުބަލަށްޓަކާ މިކަން ކުރަން ޖެހޭކަމަށް އާތިފް ލިޔެފައިވެ އެވެ.

އާތިފްގެ ސްޓޭޓަސްއަށް ކުޅުދުއްފުއްޓަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ތާއިދުކޮށް ޝުޢުރޫފާޅުކޮށްފަ އެވެ. އަދި ސިޔާސީގޮތުން ރަށް ވަރުގަދަކުރުމަށް މަޖިލީހަށް ރަށުގެ ދަރިން ހޮވުމަށް ގޮވާލާފައިވެ އެވެ. ރަށު މީހެއް ރަށަށް ނަމުގައި ކުރިއަށްގެންދާ މިކެމްޕެއިންގެ ފޮޓޯ ފްރޭމް ފަތުއަޑުކިޔާފަ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ފްރޭމް އެންމެ ގިނައިން ބޭނުންކުރަމުންދަނީ ޒުވާނުންކަން ފާހަގަކުރެ އެވެ.

ކުޅުދުއްފުށީ ކައުންސިލް ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވާގޮތުގައި ރަށްރަށުގެ ދާއިރާތަކަށް އިންތިހާބުކުރުން ރަނގަޅީ އެދާއިރާއަށް ނިސްބަތްވާ ބަޔަކު ކަމަށެވެ. އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އޭނާ ވިދާޅުވީ ހދ ގެ ދާއިރާތައް ތަމްސީލުކުރުމުގައި ހދ އަށް ނިސްބަތްވާ މީހުން މަދުކަން ފާހަގަކުރެވޭކަމަށާއި ސިޔާސީގޮތުން ބާރުވެރިކުރެވޭނީ ރަށަށް ނުވަތަ ދާއިރާތަކަށް ނިސްބަތްވާ މީހުން އިންތިހާބުކޮށްގެން ކަމަށެވެ.

ކުޅުދުއްފުއްޓަށް އިހުމާލުވި ރައީސެއްވެސް މަޖިލީހުގެ މެމްބަރެއް ވިޔަސް މިރަށު ރައްޔިތުން ބަލައިނުގަންނާނެކަމަށް އަހުމަދު ޝަރީފް ކުރި ޝުއޫރުގައި ބުންޏެވެ. އަދި ޒުވާނުން ތިބީ އެކަމަށް ޖާގަ ދޭގޮތަކުން ނޫން ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ކުޅުދުއްފުށީގެ ދެ ދާއިރާއަށް ވާދަކުރައްވާ ފަރާތްތަކުން މިހާރު އަންނަނީ އިއުލާންކުރަމުންނެވެ. އެގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އާތިފް ވާދަކުރައްވާނެކަން އިއުލާންކޮށްފައިވާއިރު ކުޅުދުއްފުށީ އުތުރު ދާއިރާއަށް ޕަޗީ/ މުހައްމަދު އަބުދުއްރަހުމާން އަދި ވައްތީނިގެ، އަބުދުއްރަޝީދު ވަނީ ހާމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355