twitterviber whatsapp telegramfacebookyoutube instagram
27th April 2024

2019 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި

Nov 13, 2018

2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރެވެ. އަންނަ އަހަރަށް ލަފާކޮށް މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ޖުމްލައަކީ ނަވާވިސް ބިލިއަން ހަ ސަތޭކަ ސާޅިސް ހަތް މިލިއަން ހަތަރު ލައްކަ ފަނަރަހާސް ހަތް ސަތޭކަ ހަތްދިހަ ތިން ރުފިޔާއެވެ.

މިއީ މިހާރު ހިނގަމުންދާ ސަރުކާރުން އަލަށް އިންތިހާބުވި ސަރުކާރަށް ބަޖެޓު ހެދުމުގެ ފުރުސަތުދީގެން ތައްޔާރުކޮށްފައިވާ ބަޖެޓެކެވެ.

ބަޖެޓު ހުށަހަޅައިދެއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ 2019 ވަނަ އަހަރު ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 26.7 ބިލިއަން ރުފިޔާކަމަށާއި ބަޖެޓާއި ހަރަދުގެ ތަފާތަކީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.9 ބިލިއަން ރުފިޔާކަމަށެވެ. އަދި 2019 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 23 ބިލިއަން ރުފިޔާކަމަށާއި 2019 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް 3.7 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށެވެ.

މިނިސްޓަރ މުނައްވަރު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހާސިލުކުރަން ބޭނުންވާ ނަތީޖާތައް އެންމެ އެދެވޭ ގޮތެއްގައި ހާސިލުކުރެވޭނީ ދައުލަތުގެ މާލީ ނިޒާމް ނުވަތަ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ހަރުދަނާ ކުރެވިގެންކަމަށެވެ. އަދި ދައުލަތުގެ މާލީ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތަކީ ހުއްޓުމެއްނެތި ކުރަންޖެހޭ މަސައްކަތެއްކަމަށެވެ. ހަމައެހެންމެ އަންނަ އަހަރަށް ލަފާކުރާ އިޤްތިޞާދީ މިންގަނޑުތަކަށް ބަލާއިރު 2019 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 6.8 އިންސައްތާގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށާއި މެދުރާސްތާގައިވެސް ރާއްޖޭގެ އިޤްތިޞާދީ ދުވެލި މި މިންގަނޑުގައި ހިފެހެއްޓޭނެކަމަށް ބެލެވޭކަމަށްވެސް ފިނޭންސް މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެފަހު ދައުރުގެ 8 ވަނަ ޖަލްސާއަށް 2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ 2019 ވަނަ އަހަރު ދައުލަތުގެ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 61 އިންސައްތައަށް އަރާނެކަމަށް ބެލެވޭތީ ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑެއް 2017 ވަނަ އަހަރު އުފައްދާފައިވާކަމަށާއި މިކަމުގެ ސަބަބުން ދަރަނީގެ ރިސްކު ނުވަތަ ހިރާސްތައް ކުޑަކުރެވިގެންދާނެކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިޤްތިސާދުގެ މައި އިންޖީނަކީ ޕްރައިވެޓް ސެކްޓަރކަން ފާހަގަކުރައްވާ މިނިސްޓަރ މުނައްވަރު ވަނީ ޕްރައިވެޓް ސެކްޓަރުން ހިންގާ އިޤްތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އެގޮތުން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާނެ ގޮތްތަކެއް އެކަށައަޅާ ތަންފީޒުކުރާއިރު ދައުލަތުން ދޭންޖެހޭ އެއްބާރުލުން ދިނުމަށް އިތުރު ބާރެއްލާންޖެހޭކަމަށްވެސް މިނިސްޓަރ މުނައްވަރު ވިދާޅުވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355