twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޓެކްސްގެ ގޮތުގައި އަންނަ އަހަރު 16,506 މިލިއަން ރުފިޔާ ލިބޭނެ

Nov 14, 2018

ޓެކްސްގެ ގޮތުގައި 2019 ވަނަ އަހަރު ދައުލަތަށް 16،506 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފިއެވެ.

މިއީ ބަޖެޓުގައި ހިމަނާފައިވާ ޖުމްލަ ޢާމްދަނީއާއި ހިލޭ އެހީގެ %72 އެވެ. ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ތެރެއިން އިންޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 3184 މިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރުގެ ނިޔަލަށް ލިބޭނެކަމަށް ލަފާކުރި އާމްދަނީއަށްވުރެ %10.7 އިތުރު އަދަދެކެވެ.

ބިޒްނަސް އަދި ޕްރޮޕަރޓީ ޓެކްސްގެ ބައިން ޖުމްލަ ގޮތެއްގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 3451.4 މިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރުގެ ނިޔަލަށް މިބައިން ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއަށްވުރެ %1.9ގެ ކުރިއެރުމެކެވެ.

މިބައިން އެންމެ ބޮޑު ޢާމްދަނީއެއް ހިއްސާކުރަނީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ)އިންނެވެ. ބީޕީޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 2172 މިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު %1.8ގެ ކުރިއެރުމެކެވެ.

މީގެއިތުރުން ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި 674 މިލިއަން ރުފިޔާ އަދި ބެންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 567 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މީގެއިތުރުން 2019 ވަނަ އަހަރު ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީ 2018 ވަނަ އަހަރަށްވުރެ %7.7 އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ޖުމްލަ 5039.5 މިލިއަން ރުފިޔާއެވެ.

މުދަލާއި ހިދުމަތުގެ ބައިން ނެގޭ ޓެކްސްގެ ގޮތުގައި 2019 ވަނަ އަހަރު ޖެނެރަލް ގުޑްސް އެންޑް ސަރވިސަސް ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 2998 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރުގެ ނިޔަލަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ %9.4 އިތުރު އަދަދެކެވެ.

އެހެނިހެން ޓެކްސް އަދި ޑިއުޓީގެ ގޮތުގައި ޖުމްލަ ގޮތެއްގައި ލިބޭ އާމްދަނީ 2018 ގައި ލިބޭނެކަމަށް ލަފާކުރި އާމްދަނީއަށްވުރެ %9.3 އިތުރުވާނެކަމަށް ވަނީ ބަޖެޓުގައި އަންދާޒާކޮށްފައެވެ. އެގޮތުން ގްރީން ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ބެލެވިފައިވަނީ 893 މިލިއަން ރުފިޔާއެވެ. އަދި އެއަރޕޯޓުން ދޭ ހިދުމަތުގެ ފީގެ ގޮތުގައި 706 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާގޮތުން 2019 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 23040 މިލިއަން ރުފިޔާއެވެ. މީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭނެ އާމްދަނީއެވެ.

2019 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ބައިން ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ހިމަނާފައިވަނީ 5481 މިލިއަން ރުފިޔާއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 1053 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މަޖިލީހަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވީ ޓެކްސް ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ޓެކްސް ޕޮލިސީ އެކަށައެޅުމަށް އަންނަ އަހަރު އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ.

އެގޮތުން އަންނަ އަހަރު ފިނޭންސް މިނިސްޓްރީގައި ޓެކްސް ޕޮލިސީ ޔުނިޓެއް ގާއިމްކުރެވިގެންދާނެކަމަށާއި މި ޔުނިޓުގެ ބޭނުމަކީ ޓެކްސްގެ ޔުނިޓަށް ގެނައުމަށް ފާހަގަކުރެވިފައިވާ ގާނޫނުތައް އިގްތިސާދަށް ކުރޭނެ އަސަރަށް ބެލުމަށްފަހު ތަންފީޒްކުރުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355