މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ދިނުމަށް ސަރުކާރުން ބިނާކުރެއްވި ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް މުޅިން ނިންމައި އަންނަ ފެބްރުއަރީމަހުގެ ނިޔަލަށް ހިދުމަތް ދޭން ފަށާނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މީޑިއާއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތުގެ %95 ނިމިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްގެ ހިދުމަތް ފެށުމަށް ބޭނުންވާ މެޑިކަލް އާލާތްތައްވެސް ގެނެސްފައިވާކަމަށާއި ހިދުމަތް ފެށުމަށް މިހަރު އެއްވެސް ދަތިކަމެއް ނެތްކަމަށެވެ.
މިއިމާރާތަކީ ރާއްޖޭގެ ސިއްހީ ދާއިރާ އައު ހަރުފަތަކަށް ގެންގޮސްދޭނެ އިމާރާތެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އާސަރުކާރުންވެސް މިތަނުގެ ހިދުމަތް އެންމެ އެދެވޭގޮތަށް ކުރިއަށް ގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.
ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަންސަވީސް ފަންގިފިލައަށް އިމާރާތްކުރާ މި އިމާރާތުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. މި ހޮސްޕިޓަލަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށްގެން ކުރި އިމާރާތެކެވެ.