ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ހުޅުވައިދެއްވި ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް އަދިވެސް ނުލިބެ އެވެ.
ރައީސް ޔާމީން ކުޅުދުއްފުށީ އެއާޕޯޓް ހުޅުވައިދެއްވީ އިންތިހާބަށް އެންމެ ދުވަހަކަށްވެފައިވަނިކޮށް މިދިޔަ ސެޕްޓެމްބަރުމަހު 21 ވަނަ ދުވަހު ހަވީރު އެވެ. އެއާޕޯޓް ހުޅުވައިދެއްވުމަށް ރައީސް ވަޑައިގެންނެވީ މޯލްޑިވިއަން ފުލައިޓެއްގަ އެވެ.
ބޯވާރޭތެރޭގައި އެތަނުގައި އެއްވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުންނާ ތެމިފޯވެގެން ހުންނަވައިގެން ވާހަކަދައްކަވަމުން އެދުވަހު ރައީސް ވިދާޅުވީ ޓާމިނަލްގެ މަސައްކަތް ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
މަޝްރޫއުއެއް ނިންމާ އިފްތިތާހްކުރަން ޖެހޭނީ ހިދުމަތަށް ތައްޔާރުވެފަކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އަދި އިފްތިތާހްކުރުމަށް ފަހު ހިދުމަތް ނުދެވި ލަސްވެގެން ދިއުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށް ރައްޔިތުންދެކެވެ.
” ނުނިމެނީސް ހުޅުވީ ކުރެޑިޓް ނަގަން. މިއީ މިވެނި ރައީސަކު ހުޅުވި ތަނެކޭ ބުންނަށް ވެގެން.” ކުޅުދުއްފުށީ ރައްޔިތަކުން ބުންޏެވެ.
އިންތިހާބަށް އެންމެ ދުވަހަށް ވެފައިވަނިކޮށް ހުޅުވި ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމާނުލެވެނީސް ހުޅުވުމުން ރައީސްއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.