twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކައުންސިލަރު ވަސީމް މަޖިލީހުގެ ވައިކަރަދޫ ދާއިރާއަށް ކުރިމަތިލައްވަނީ

Nov 16, 2018

ހދ އަތޮޅު ކައުންސިލް މެމްބަރު މުހައްމަދު ވަސީމު ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމައިފި އެވެ. އަތޮޅު ކައުންސިލްގައިވެސް އޭނާ ތަމްސީލުކުރައްވަނީ ވައިކަރަދޫ ދާއިރާ އެވެ.

އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުވެސް އަދާކުރައްވާފައިވާ ވަސީމް ވިދާޅުވީ މަޖިލީހަށް ކުރިމަތިލާން ނިންމީ ދާއިރާގެ ރަށްތަކުގެ ރައްޔިތުންގެ އުއްމީދުތައް ސަރުކާރު ތެރެއިން ހާސިލުކުރެވިދާނެކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އެހެންވެ އަދާލަތު ޕާޓީގެ ޓިކެޓެއް ލިބިއްޖެނަމަ މަޖީލިހަށް ކުރިމަތިލައްވާނެކަމަށް ވަސީމް ވިދާޅުވި އެވެ.

ވަސީމް ވިދާޅުވިގޮތުގައި އަތޮޅު ކައުންސިލްގެ ގޮނޑި ކާމިޔާބުކުރީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް ހުރިހާ ޕާޓީތަކަކަށް ނިސްބަތްވާ ވަރަށް ގިނަ ރައްޔިތުންގެ ތާއިދާއެކު ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ވަކި ކުލައަކަށް ވަކި ރަށަކަށް ވަކި ފިކުރަކަށް ބަލައިގެން ހިދުމަތް ކުރާ މީހެއް ނޫންކަމަށެވެ.

“އަޅުގަނޑަކީ ރިޝްވަތު ދޭނެ ނުވަތަ ރިޝްވަތުގައި ހިފާނެ މީހެއްވެސް ނޫނޭ. ރައްޔިތުންގެ މަޖިލިސް އިސްލާހް ކުރުމަށް ރައްޔިތުން އިހުލާސްތެރިކަމާއެކު ކެނޑިޑޭޓަކު އިހުތިޔާރު ކުރާށޭ.” ވަސީމް ވިދާޅުވި އެވެ.

ގޮނޑި ކާމިޔާބުކުރެއްވިއްޖެނަމަ ލާމަރުކަޒީ ނިޒާމު މާނަވީ ގޮތެއްގައި ހަރުދަނާކުރުމަށް މަޖިލިސް ތެރެއިންނާ ސަރުކާރު ތެރެއިން ކައުންސިލްތަކާއި ކުލަބް ޖަމިއްޔާތައް ބާރުވެރިކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން ކައުންސިލްތަކާއި ކުލަބް ޖަމިއްޔާތަކުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލް ކުރުމުގައި މެމްބަރެއްގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރާނެކަމަށް ވަސީމް ވިދާޅުވި އެވެ.

ވަސީމް ވިދާޅުވީ މަޖިލީހަށް ކުރިމަތިލަނީ ފުރިހަމަ ބާރުވެރި ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ތަރައްޤީ ކުރެވޭނީ މި ނިޒާމުގައި ހުރި ގޮންޖެހުންތައް އެނގޭ އެކަން ތަޖުރިބާ ކޮށްފަހުރި މީހަކަށް ކަމަށާއި މި ނިކުތީ އެކަން ތަޖުރިބާ ކޮށްފަ ޤާނޫނީ ނިޒާމުގެ ތެރެއިން އެކަމަށް ފަރުވާ ހޯދޭނެކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ. އަދި އޭނާއަކީ ދުވަހަކުވެސް “ބޭފުޅު” ވެގެން އުޅޭ މީހަކަށް ނުވާނެކަމަށާއި ވަރަށް މިނިވަންކަމާއެކު ކޮންމެ ރައްޔިތަކަށްވެސް ބައްދަލުކޮށް ހިޔާލު ފާޅުކުރެވޭނެކަމަށް ވަސީމް ވިދާޅުވި އެވެ.

ވަސީމް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މިއީ ދިހަވަނަ އަހަރެވެ.މަޖިލީހުގެ ވައިކަރަދޫ ދާއިރާގައި ހިމެނެނީ ވައިކަރަދޫގެ އިތުރުން ނެއްލައިދޫ އާއި ކުރިނބީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355