twitterviber whatsapp telegramfacebookyoutube instagram
18th April 2024

ރައީސްގެ ފުރަތަމަ ސަތަކޭ ދުވަސް: މުހިންމު ވައުދުތަކެއް !

Nov 17, 2018

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކާ މުހިއްމު ގިނަ މަސައްކަތްތަކެއް ފަށްޓަވަން ނިންމަވާ، އެކަންކަން އެމަނިކުފާނު މިއަދު އިއުލާން ކުރައްވައިފި އެވެ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވާ ކުރެއްވުމަށްފަހު، ގައުމާ މުޚާޠަބު ކުރައްވައި ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި މިކަންކަން އިއުލާން ކުރައްވަމުން ފުރަތަމަ 100 ދުވަސް ނިމޭއިރު، ކަރަންޓުގެ އަގު ހެޔޮކުރެވޭނެ ކަމަށާއި، ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު، ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށިގެންދާނެ ކަމަށާއި، ފަރުޟު ޙައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތް ހަމަޖެހިގެންދާނެކަންވެސް ހާމަކުރެއްވި އެވެ.

ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލެވޭނެ ކަމާއި، ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތި އިމްޕޯޓު ޑިއުޓީ ކަނޑާލެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ދުނިޔެ ހޫނުވުމުން ތިމާވެށްޓަށް އަންނަ ބަދަލުތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެ ވެގެންދަނީ ޖަޒީރާ ޤައުމުތަކުގެ ލީޑަރަކަށް ކަމާއި، ގްރީން ޓެކްސްގެ ގޮތުގައި، ނެގޭ ފައިސާ ހޭދަކުރައްވާނީ ހަމައެކަނި ތިމާވެށި ޙިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތަކަށް ކަންވެސް އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި ކައުންސިލްތައް މެދުވެރިކޮށް، އިތުބާރު ހިފޭ ހައުސިންގ ނީޑް އެސެސްމަންޓެއް ހައްދަވައި، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު ފައްޓަވާނެކަން އިއުލާން ކުރެއްވި އެވެ.

އަދި އިމަޖެންސީގައި ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ހިދުމަތް ދިނުމަށް އެއަރ އެމްބިއުލޭންސްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދެއްވަން ފަށްޓަވާނެކަމަށާއި މީގެ އިތުރުން، [ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް] އުފައްދާ ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވާ ވޭތުވެދިޔަ މުއްދަތުގައި ހިފަހައްޓާފައިވާ ބާރުތައް ކައުންސިލްތަކަށް އަލުން ލިބިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ ވޭތުވެދިޔަ 5 އަހަރު އޮތީ ބައިނަލްއަގްވާމީ މުޖުތަމައުއާ ވަކިވެ، އެކަހެރިވެފައިކަން ފާހަގަކުރައްވާ ވިދާޅުވީ ދިވެހިރާއްޖެގެ ޚާރިޖީ ސިޔާސަތުގައި އިސްކުރައްވާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމުގައި ވެސް ފާހަގަކުރެއްވިއެވެ. ހާރިޖީ ސިޔާސަތު ބައްޓަންކުރައްވާނީ އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓްޗޭންޖް ޑިޕްލޮމެސީގެ މައްޗަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355