twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވާއިރު ގާނޫނީ ސުވާލުތަކެއް، ސާފު ޖަވާބެއް މުހިންމު: ނަޝީދު

Nov 19, 2018

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދާއިރު ގާނޫނީގޮތުން ކުރިމަތިވެފައިވާ ސުވާލުތަކަށް ސީދާ، ސާފު ޖަވާބެއް މުހިންމުކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދައުލަތު މަޖިލީހަށް ހުށަހެޅި ބަޖެޓް ބަހުސްގައި މިއަދު ވާހަކަދައްކަވަމުން މެމްބަރު ނަޝީދު ވިދާޅުވީ ކުޅުދުއްފުށީގެ އަބާދީގައި ދިހަހާސް ހަމަވެފައިވާކަން ކައުންސިލުން ހާމަކޮށްފައިވާ ކަމަށެވެ. އަދި ސިޓީއަކަށް ކުޅުދުއްފުށި ބަދަލުވާއިރު ގާނޫނީ ސުވާލުތަކެއް ހުރިކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ ސުވާލުތަކަށް ސީދާ ސާފު ޖަވާބެއް މުހިންމު ކަމަށެވެ.

ރާއްޖޭގައި މިވަގުތު ސިޓީ ދަރަޖަ ދީފައިވަނީ ތިން ރަށަށްކަށެވެ. އެއީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އެވެ. މާލެ ސިޓީއެއްގޮތުގައި މި އޮންނަނީ އިދާރީގޮތުން ގާނޫނު އަސާސީގައި ވަކިން މާލެ ބަޔާންކޮށްފައިވާތީ އެވެ. އައްޑު އަތޮޅު ސިޓީއަކަށް ބަދަލުވެގެން ދިޔައީ މުޅި އައްޑު އަތޮޅު އެއްކޮށްނެވެ. އަދި އެ އަތޮޅަކަށް އިންނަ ފުވައްމުލަކު ސިޓީއަކަށް ބަދަލުވެގެންދިޔައީ މުޅި ރަށް ނުވަތަ އެއަތޮޅު އެކޮށްކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. ނަމަވެސް ކުޅުދުއްފުއްޓަކީ ވަކިން އޮންނަ ރަށަކަށްވެފައި ހދ އަތޮޅުގައި އިތުރު ރަށްތަކެއް ހިމެނޭތީ، ސިޓީއަކަށް ކުޅުދުއްފުށީ ވުމުން އަތޮޅުގައި ރަށުގެ ހައިސިއްޔަތު ބަދަލުވެގެންދާނެ ގޮތަކީ ކޮބޯ ތޯ ނަޝީދު ސުވާލުއުފެއްދި އެވެ.

“ސިޓީ އަކަށްވުމަށްފަހު ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހދ އަތޮޅު ކައުންސިލާއި ދެމެދު އޮންނާނީ ކޮން ގުޅުމެއް ތޯ. ސިޓީ ކައުންސިލަށް ވަކިން އިންތިހާބު ބާއްވާނީ ތޯ ނުވަތަ ދެން އަންނަ އިންތިހާބަކާއި ހަމައަށް ފަސްކުރާނީ ތޯ. ގާނޫނުގައި ކަނޑައެޅިގެން ވަކި މާއްދާއެއް އެކަމަށް ބަޔާންކޮށްފައެއް ނުވޭ. އެހެންވީމަ އަޅުގަނޑުމެންނަށް ނިންމިދާނެ ތޯ ސިޓީއެއްގޮތަށް މިއަދު ނިންމާފިކަމަށްވާނަމަ ވަގުތުން ސިޓީ ކައުންސިލުގެ އިންތިހާބު ބާއްވާފަ މޭޔަރަކާއި ޑެޕިއުޓީ މޭޔަރަކާއި މެމްބަރަކާ ހޮވަން.” ނަޝީދު ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީގެ އާބާދީގައި ދިހަހާސް ހަމަވެ، ސިޓީއަކަށް!

ކައުންސިލަށް ވަކި މުއްދަތަކަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ފަސް މެމްބަރުން މިހާރު ތިބިކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ސިޓީ ކައުންސިލަކަށްވުމުން އިންތިހާބު ވެގެންދާނީ ތިން މެމްބަރުން ކަމަށާއި އާބާދީގެ ނިސްބަތުން ދިހަހާސް ހަމަވުމުން އިންތިހާބު ފަސްކުރެވިދާނެ ތޯ ނުވަތަ ފަސްކޮށްފިނަމަ ސިޓީ ކައުންސިލެއް ނުބާއްވަ ކުރިއަށްދެވޭނެ ތޯ ނަޝީދު ސުވާލުކުރެއްވި އެވެ.

“ރާއްޖޭގައި މިހާތަނަށް އުފެެދިފަ ހުރި އެހެން ސިޓީތަކާއި ކުޅުދުއްފުށި ސީޓީއާ ތަފާތުވާނެ. މިހާއްސަ ކަންތައް އަންނާތީ. ހދ އަތޮޅުގައި ވަކިން އެހެން ރަށްތަކެއްވެސް ހުންނާތީ. ސިޓީއަކަށްވީމަ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުން އޮންނާނީ ހަމަ ކުޅުދުއްފުށީ ތޯ. މިކަހަލަ ބައިވަރު ސުވާލުތަކަށް ޖަވާބު ލިބެން ޖެހޭ އެބަ ސިޓީއެއްގެ ދަރަޖަދީ އިއުލާންކުރާއިރުގަ. ތެދުފުޅެއް ޝަރުތު މިހާރު އެއޮތީ ހަމަވެފަ. އަޅުގަނޑުމެންނަށް ވަގުތުން ސިޓީ ކައުންސިލަކަށް ބަދަލުކުރެވިދާނެ. ސަރުކާރުން ބޭނުންނަމަ.” މެމްބަރު ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެހެންނަމަވެސް މި ނުގުތާތަކުގެ މައްޗަށް ބަލަން ޖެހޭނެ ކަމަށާއި  ކުޅުދުއްފުށި ހދ އަތޮޅުގެ އެހެން ރަށެއްގެ ގޮތުގައި އޮވެ ވަކިން އޭގެ ޒާތުގައި ސިޓީއަކަށް ބަދަލުވެ ހދ އަތޮޅުގެ ތެރޭގައި ދެން ކުޅުދުއްފުށީ އޮންނާނީ ކޮން ހަސިއްޔަތަކުން ތޯ އެވެ. އަދި އަތޮޅު ކައުންސިލާ އަތޮޅުގެ އެހެން ކައުންސިލްތަކާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ގުޅުމަށްވާނީ ކިހިނެތްކަމާމެދު ސާފު، ސީދާ ޖަވާބުތަކެއް މުހިންމު ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355