ހއ އަތޮޅުގެ ގިނަ ރައްޔިތުން ބޭނުންވަނީ އެއަތޮޅުގައި ސަރުކާރުން އަޅަން ނިންމާފައިވާ އެއާޕޯޓް ހއ މޮޅަދޫއަށް ބަދަލުކުރުމަށްކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހަންމަދު އަބުދުﷲ (މުހައްމާ) ވިދާޅުވެއްޖެ އެވެ.
ހއ އަތޮޅުގައި ނިމިދިޔަ ސަރުކާރު އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައިވަނީ ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުގަ އެވެ. އެތަނުގައި އެއާޕޯޓެއް ތަރައްގީކުރުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއްވެސް ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވި އެވެ.
2019 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ވިދާޅުވީ އަތޮޅުގެ ގިނަ ރައްޔިތުން ބޭނުންވަނީ މޮޅަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ކަމަށެވެ މޮޅަދޫއަކީ އެއާޕޯޓެއް އަޅަން ބޭނުންވާ ވަރަށް ބިން ބޮޑު ތަނަވަސް ރަށެއް ކަމަށާއި އެހެންވުމުން މާފިނޮޅުގައި އަޅަން ނިންމާފައިވާ އެއާޕޯޓް މޮޅަދޫއަށް ބަދަލުކޮށް ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
” މޮޅަދޫއަކީ ހަމަޖައިމުންވެސް އެއާޕޯޓެއް އަޅަން ވަރަށް ބިން ބޮޑު ތަނަވަސް ރަށެއް. އިގްތިސާދީގޮތުން އެންމެ (އެއާޕޯޓެއް) އެޅުމަށް އެންމެ ރަނގަޅު ރަށެއްގެ ގޮތުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ މޮޅަދޫއަށް އެއާޕޯޓް ބަދަލުކުރުން. އެކަން ސަރުކާރުގެ ތެރެއިން ވިސްނަވާ ހއ އިހަވަންދިޕޮޅުގައި އެޅިގެންދާ އެއާޕޯޓަކީ މޮޅަދޫގަ ނުވަތަ ހުވަހަންދޫގަ އެޅިގެންދާނެ އެއާޕޯޓަކަށް ވެގެންދިއުމަކީ އަތޮޅުގެ ގިނަ ރައްޔިތުން ދެކެމުން އަންނަ ގޮތް.” އިހަވަންދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އެއަތޮޅުގައި މިހާރު އެއާޕޯޓެއް އެޅުމަށް މަސައްކަތް ކުރަމުންދާ މާފިނޮޅަކީ ހއ ގައި އޮތް ވަރަށް ރީތި ރަށެއް ކަމަށާއި އެރަށަކީ ފަތުރުވެރިކަން ތަރައްގީކުރުމަށް ވަރަށް ރަނގަޅު ރަށެއްކަމަށް މުހައްމާ ވިދާޅުވި އެވެ.މުހައްމާ ވިދާޅުވީ އެއަތޮޅުގައި އެއާޕޯޓް އަޅަން ނިންމާފައިވަނީ އެންމެ ރަނގަޅު ތަނުގައި ތޯ ބެލުމަށް ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށެވެ. އަދި އިގްތިސޯދީގޮތުން އެންމެ ރަނގަޅުވާނީ މާފިނޮޅު ތޯ ނޫނީ ހުވަހަންދޫ ތޯ ނޫނީ މޮޅަދޫގައި އެއާޕޯޓް އެޅީމަ ތޯ ބަލަން ޖެހޭ ކަމަށެވެ.
އެއާޕޯޓްގެ ވާހަކަ ދައްކަން މިޖެހުނީ ވަރަށް މުހިންމު ވާހަކައެއް ހާއްސަކޮށް އިހަވަންދިޕޮޅުގެ ނަމުގައި އެއާޕޯޓެއް އެޅިގެން ދިއުން ކަމަށެވެ. އަދި އިހަވަންދިޕޮޅުގައި އެއާޕޯޓް އެޅިގެންދާއިރު އެއާޕޯޓްގެ ނަން “އިހަވަންދިޕޮޅު” ނަމަށް ބަދަލުވެގެން ދިއުމަކީވެސް މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމާ ވިދާޅުވީ މުޅި އަތޮޅުގެ ރައްޔިތުންނަށް ރަނގަޅުވާނެ ގޮތަކަށް ނޫނީ އެޅޭ އެއާޕޯޓެއް އެޅުމަކީ އެންމެ ރަނގަޅުކަމެއް ނޫން ކަމަށާއި އެންމެ ރަށެއްގެ މަސްލަހަތަށްޓަކާ އެޅޭ އެއާޕޯޓެއް އެޅުމަކީ އެއްގޮތަކަށްވެސް ކޮންގެންވާނެކަމެއް ނޫންކަމަށެވެ.