twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކުޅުދުއްފުށީގައި ނުނިމި ހުރި މުހިންމު މަޝްއޫރުތައް އަވަހަށް ނިންމާ ދިނުމަށް ނަޝީދު އެދިވަޑައިގެންފި

Nov 20, 2018

ކުޅުދުއްފުށީގައި ފަށަން އިއުލާންކޮށް ނުފެށި ހުރި މަޝްރޫއުތަކާއި ފަށާ މުޅިން ނިންމާ ނުލެވި ހުރި ގިނަ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމާލަދިނުމަށް ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހެޅި އަންނަ އަހަރު ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުންނެވެ. ބަޖެޓްގައި އާ މަޝްރޫއުއެއް ކުޅުދުއްފުއްޓަށް ނެތްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެކަމާ ރައްޔިތުންގެ މާބޮޑު ޝަކުވާއެއް ނެތް ކަމަށެވެ. އެކަން އެހެންވެފައިވަނީ އަންނަ އަހަރުގެ ބަޖެޓަކީ މިސަރުކާރުން ހުށަހެޅި ބަޖެޓަކަށް ނުވެފައި އަދި ސަޕްލިމެންޓަރީ ބަޖެޓެއް އާ ސަރުކާރުން ހުށަހަޅާނެކަން އިއުލާންކޮށްފައިވާތީ އެ ބަޖެޓްގެ ތެރެއިން އާ މަޝްރޫއު ހިމެނޭނެކަމަށް ގަބޫލުކުރެވޭތީކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން މެމްބަރު ނަޝީދު ދެއްކެވި މުހިންމު ވާހަކަފުޅުތަކަށް ބަލާލާއިރު ރަށުގައި މަދުވެގެން އިތުރު 18 މަގެއްގައި ތާރު އަޅަން ޖެހޭ ކަމަށާއި އެހެންނޫނަމަ ތާރުގެ ފަސޭހަކަން އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ލިބިގެންނުދާނެ ކަމަށެވެ. އަދި ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކޮށްދިނުމަށްވެސް އާ ސަރުކާރުގައި ނަޝީދު އެދިވަޑައިގެންނެވި އެވެ.

ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ހދ އަތޮޅު ތައުލީމީ މަރުކަޒަކީ ވަރަށް ދުވަސްވީ އިމާރާތްތަކެއް ހުރި ސްކޫލެއްކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވީ އެ ސްކޫލުގައި 14 ކުލާސް ރޫމްގެ އިމާރާތެއް އަޅައި ދޭނެކަމުގެ ވާހަކަތައް ނިމިދިޔަ ސަރުކާރުންވެސް ދެއްކި ކަމަށާއި ނަމަވެސް ކޮންމެ އަހަރުކުވެސް ބަޖެޓާއި ހަމައިން އެކަން ނުވެދަނީ އެރަށުގައި އެހެން އިމާރާތްތައް ކުރާކަމަށް ބުނެކަމަށް އޭނާ ވިދާޅުވި އެވެ.

“ހދ އަތޮޅު ތައުލީމީ މަރުކަޒަކީ އުތުރުން އެންމެ އާބާދީ ބޮޑު ސްކޫލު. އެތަނުގައި 14 ކުލާސް ރޫމްގެ އިމާރާތެއް އެޅުމުގެ ވާހަކައަކީ ދެ ތިން އަހަރު ބަޖެޓްގައިވެސް ޖެހި. އެހެންނަމަވެސް ކުޅުދުއްފުށީގައި އެހެން އިމާރާތް ހަދަމުންދާތީވެ ކިޔާފަ އަބަދުވެސް ފަހަތަށް ޖެހެނީ. ފަހަރަކު ކަމެއް ކުރާ އުސޫލުން އެގޮތަށް ކުރަމުން ދިޔައީ.” ނަޝީދު ވިދާޅުވި އެވެ.

އޭއީސީގެ އިމާރާތްތަކީ މިއަދު ވަރަށް ބޮޑަށް ބޭނުންވެފައި އޮތް އިމާރާތެއްކަމަށާއި ކިރިޔާވެސް ފުރުސަތެއް އޮތްކަމަށްވާނަމަ އާ ޕްރޮޖެކްޓެއްގެ ގޮތުގައި އެ ސްކޫލުގެ އިމާރާތް އައުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންވާކަމެއްކަމަށް ނަޝީދު ވިދާޅުވި އެވެ. ހައުސިންގި ޔުނިޓްތަކުގެ މައްސަލާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ނިމިފަ ހުރި ހައުންސިންގ ޔުނިޓްތަކާއި ހަދަން ފަށާ ނުނިމި ހުރި ހައުންސިންގ ޔުނިޓްތަކެއް ހުރިއިރު އެމަޝްރޫއުތައްވެސް ހުރީ ހުއްޓިފަ ކަމަށެވެ. ނިމިފައި ހުރި ހައުންސިންގ ޔުނިޓްތައްވެސް ހުރީ ހައްގުވެރިންނާ މުޅިން ހަވާލުނުކުރެވި ކަމަށާއި ނުނިމި ހުރި ހައުންސިންގ ޔުނިޓްތަކުގެ މަސައްކަތް ހުއްޓިފައިހުރީ ކޮންޓްރެކްޓަރާއި ހައުންސިންގ މިނިސްޓްރީއާ ދެމެދު ޖެހުނު ބޮޑެތި މައްސަލަތަކެއްގެ ސަބަބުންކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ހަދާފައިވާ އެއާޕޯޓް މަޝްރޫއުވެސް ގާތްގަނޑަށް ނިމި މިހާރު އޮތީ ހިދުމަތަށް ތައްޔާރުވެފައިކަމަށާއި އެއާޕޯޓްގެ މަސައްކަތް މުޅިން އެއްކޮށް ނިމި ވީހާވެސް އަވަހަކަށް ޝެޑިއުލް ފުލައިޓްތައް ފެށުމަކީ އެންމެ ބޮޑު އެއް އެދުންކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިމިފައިވާއިރު އެތަނަން ބޭނުންވާ ސާމާނު ވީހާވެސް އަވަހަށް ހޯދާ އެކަންވެސް ނިންމާލަ ދިނުމަށް އޭނާ އެދިލެއްވި އެވެ.

އަލަށް ތަރައްގީކުރަން ނިންމާފައިވާ ބަނދަރުގެ މަސައްކަތް މިދިޔަ މެއިމަހު ފަށާނެކަމަށް ސަރުކާރުން އިއުލާނުކޮށްފައިވާ އާ ބަނދަރުގެ މަސައްކަތްވެސް އަދިވެސް އޮތީ ނުފެށި ކަމަށާއި އެމަޝްރޫއުއަކީ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުއަކަށްވާއިރު މިހާރު އޮތީ ހަމައެކަނި އަމަލީ މަސައްކަތް ފަށަންވެފައިކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެމަޝްރޫއު ބަޖެޓްގައި އާ މަޝްރޫއުއެއްގެ ގޮތުގައި ހިމަނައި ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފަށާދިނުމަށް ދިނުމަށް އެދިވަޑައިގަތެވެ.

ނަޝީދު ވަނީ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމާ ބެހޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓް ފުރިހަމަ އިންޓަނޭޝަން އެއާޕޯޓަކަށް ބަދަލުކުރެވި ކުޅުދުއްފުއްޓާއި ހަނިމާދޫ އެއާ÷ޕޯޓް އެކީގައި މަސައްކަތް ކުރާނަމަ އަތޮޅަށް ފައިދާކޮށް ފަތުރުވެރިކަމަށްވެސް ފައިދާކުރާނެކަމަށެވެ. ހަނިމާދޫ އެއާޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް ސަރުކާރުން ހައްދަވައިދެއްވުމަށް އެދިލެއްވި އެވެ.

ހޮނޑާފުށިން ފަތުރުވެރިކަން ހދ އަތޮޅަށް ތައާރަފްވެފައިވާއިރު ފަތުރުވެރިކަމަށް ދޫކޮށްފައިވާ އިތުރު ރަށްތައް ވީހާވެސް އަވަހަކަށް ހުޅުވޭނެ ގޮތް ހަދައިދިނުމަށްވެސް ނަޝީދު އާ ސަރުކާރުގައި އެދިވަޑައިގަތެވެ. އަދި އާ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކަންތައްތަކަށް ވީހާވެސް އަވަސް ހައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355