ދައުލަތުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށާއި ދެފުއްފެންނަ ތަހްޒީބު އުސޫލަކުން ކަންކަން ހިންގުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙްގެ ސިޔާސަތުތައް ކާމިޔާބުކުރުމަށް ކޮންމެ ގޮންޖެހުމަކާވެސް ކުރުމަތިލައްވާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އެކުލަވާލެއްވި ކެބިނެޓްގައި ހިމެނިވަޑައިގަންވާ ވަޒީރުން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަން ފައްޓަވާފައިވާއިރު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން ފައްޓަވާފައެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ކަންކަން ހިނގަންވާގޮތަށް ނުހިނގާކަމާއި ކަންކަން ދޯދިޔާވެފައިވާ މިންވަރު އެނގިވަޑައިގެންފިކަމަށެވެ.
ވަޒީރުކަމާ ހަވާލުވެވަޑައިގަތުމާއެކު ދައުލަތުގެ ކަންކަން ބޮއްސުންލާފައިވާ މިންވަރު އިތުރަށް ސާފުވެއްޖެކަމަށް ވެސް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގަންނަވާ ވަގުތު އެންމެބޮޑަށް ހަނދުމަފުޅު އާވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރ މަރުހޫމް ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީގެ ހެޔޮ ލަފާފުޅާއި ނަސޭހަތްޕުޅާއި އިރުޝާދުތައް ކަން ފާހަގަކުރެއްވިއެވެ.