އަބުރުގެ ގާނޫނު އުވާލުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އަބުރުގެ ގާނޫނު އުވުމާ އެކު، ކުރިއެކޭ ވެސް އެއްގޮތަށް، “އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަށް” ވަނީ އަލުން އަމަލު ކުރަން ފަށައިފަ އެވެ.
“އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު” އުވާލުމުގެ ބިލު ގާނޫނު އަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިއަދު ތަސްދީގު ކުރައްވާފައިވާއިރު އަބުރުގެ ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ފާސްކޮށްފައިވަނީ 14 ނޮވެމްބަރި 2018 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގަ އެވެ.
ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރުގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި އަބުރުގެ ގާނޫނު ބާތިލް ކުރުމުގެ ބިލް ފާސްކުރީ، މަޖިލީހުގެ 38 މެންބަރުންގެ ވޯޓުން އެވެ. އެ ބިލާ ދެކޮޅު ހެއްދެވީ 13 މެންބަރުން އެވެ.