twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކާޑުގެ މުއްދަތު ހަމަވިޔަސް އާސަންދަ ލިބޭ ގޮތް ހަދައިފި

Nov 25, 2018

“ހުސްނުވާ އާސަންދަ” ސްކީމްގެ ދަށުން އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވާ ނަމަވެސް އާސަންދަ ހިދުމަތް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

އާސަންދަ ކޮމްޕެނީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހުސްނުވާ އާސަންދައިގެ ދަށުން ހިދުމަތް ހޯދާ ފަރާތްތަކުން ހުށައަޅާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަކީ ހިދުމަތް ހޯދާ ފަރާތުގެ ކާޑުގެކަން ކަށަވަރުކޮށް، ކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ސްކީމްގެ ދަށުން ހިދުމަތް ދެއްވުމަށް ދަންނަވާ ކަމަށެވެ.

އަަދި މި ބަދަލާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވީނަމަވެސް އެއްވެސް ހުރަހެއްނެތި ދިވެހި ރައްޔިތުންނަށް ހިދުމަތް ދެވޭނެކަމަށެވެ.

އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން އެއީ ރައީސް އިބްރާހިމް މުހައްމަަދު ސޯލިހްގެ ސަރުކަރުގެ ފުރަަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި ވައުދުތަކުގެ ތެރެއިން އެއް ވައުދެވެ.

މީގެ އިތުރުން ފުރަަތަމަ 100 ދުވަހުގެ ތެރޭގައި ސިއްހީ ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް މި ސަރުކާރުން ވަނީ ވައުދު ވެފައެވެ. އޭގެ ތެރޭގައި ސްކޫލް ނިޒާމުގެ ތެރެއިން ގަވައިދުން ކުޑަކުދިންގެ ސިއްހަތު ބެލޭނެ ނިޒާމެއް ހަމަޖައްސާ ސިއްހީ ހިދުމަތް ދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިޔުގައަކުން ގުޅުބާލުމަށް ކަނޑައަޅާފައި ވެއެވެ.

މީގެ އިތުރުން ދިވެހި ބޭސްވެރިކަން އަދި އޮލްޓެނޭޓިވް މެޑިސިން ކުރިއެރުވުމާ ގުޅޭ މަހާސިންތާއެއް ބޭއްވުމާއި އަދި ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކުން ދުރުވުމަށް އާންމުން ހޭލުންތެރިކުރުވުމަށް ކުރާ ހޭދަ އިތުރު ކުރުމަށް ވަނީ ނިންމާފަ އެވެ.

އަދި ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާތައް ފަސޭހަކަމާއެކު އެކުއްޖަކު ދިރިއުޅޭ ސަރަހައްދުތަކުން ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355