އުތުރުގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ. ށ އަތޮޅުން ފެށިގެން ބ އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު 12 ޖަހާއެހާއިރު އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ އެއަތޮޅުތަކަށް ޔެލޯ އެލާޓް ހަވީރު 15:00 ނިޔަލަށް އޮންނާނެ ކަމަށެވެ. އެވަގުތުތަކުގައި ގަދަ ވަޔާއެކު ކަނޑުގަދަވާނެކަމަށް އެއިދާރާއިން މައުލޫމާތުދެ އެވެ.
މިއަދުގެ 24 ގަޑިއިރު މޫސުމަށް ބަލާއިރު އުތުރުގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް އަދި ބައެއް ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރެވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަަށް އިރާއި އިރުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.