twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަމާޒަކީ ފުރަތަމަ 3 އަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް މަސައްކަތް ފެށުން: ރައީސް

Dec 1, 2018

ސަރުކާރުގެ އަމާޒަކީ، މިވެރިކަމުގެ ފުރަތަމަ 3 އަހަރު ނިމޭއިރު، ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެށުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ކ. ދިއްފުށީގައި އެޅި، 61 މިލިއަން ރުފިޔާގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކޮށްދެއްވުމަށް އެރަށަށް ވަޑައިގެން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތަކީ އަސާސީ ހިދުމަތެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިޙް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ވެރިކަމުގެ ތިން އަހަރު ނިމޭ އިރު ހުރިހާ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުން ކަމަށެވެ. މިމަސައްކަތުގައި ވިޔަފާރިވެރިންގެ އެހީތެރިކަންވެސް ލިބޭނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރު 72 ރަށެއްގައި ނަރުދަމާ އަދި 56 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރަން އަންނަ އަހަރުގެ ބަޖެޓުގައި 102 މިލިޔަން ޑޮލަރު ހިމަނާފައި ވާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު ރާއްޖޭގައި ފެނުގެ ނިޒާމު ގާއިމުވެފައި އޮތީ 34 ރަށުގައި، އަދި ނަރުދަމާ ގާއިމުކޮށްފައި އޮތީ 66 ރަށުގައި ކަމަށެވެ. އަދި މިއީ ރާއްޖެއަށް ލިބޭ އާމްދަނީއަށް އަޅާ ބަލާއިރު މަދު އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355