twitterviber whatsapp telegramfacebookyoutube instagram
8th May 2024

އަންނަ އަހަރު ގުރޭޑް 9 އަކަށްދާ ދަރިވަރުން ދާނެ ސްކޫލެއް ޔަގީން ނުވެ ބެލެނިވެރިން ވާނުވާގަ !

Dec 2, 2018

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ގުރޭޑް 8 އުފައްދާ ކިޔަވައިދޭން ފަށާފައިވަނީ މިއަހަރުގެ އެވެ. ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ އެ ސްކޫލުގައި ގުރޭޑް 9 އަކަށް ކިޔަވާދޭން އަންނަ އަހަރު ފަށާނެކަމަށް ނިމި ދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ނަމަވެސް އޭރުވެސް ގުރޭޑް 8 ގައި އުޅޭ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ގިނަ ބަޔަކު ދިޔައީ އެކަމާ ނުރުހުންފާޅުކުރަމުންނެވެ. ސަބަބެއްގެ ގޮތުގައި ބުނަމުންދަނީ ޖާގައިގެ ދަތިކަމާއި މަތީ ގުރޭޑްތަކަށް ބޭނުންވާ ވަސީލަތްތައް އެސްކޫލުގައި އެންމެ އެކަށީގެންވާ ގޮތުގައި ލިބެމުންނުދާ ކަމަށް ބުނަމުންނެވެ.

ޖެހިގެން ކައިރީގައި މަތީ ސާނަވީއަށް ހާއްސަ ސްކޫލެއް އޮތްވާ އެއީ މުހިންމުކަމަށް ނުވާކަމަށް ބައެއް ބެލެނިވެރިން ދެކެ އެެވެ. ގުރޭޑް 8 ގައި ކިޔަވާ 79 ދަރިވަރުންގެ ތެރެއިން 60 އަށްވުރެ ގިނަ ދަރިވަރުންގެ ބެލެނިވެރިން ސޮއިކޮށް އަންނަ އަހަރު އެ ދަރިވަރުން ޖަލާލުއްދީން ސްކޫލުގައި ކިޔެވޭނެ ގޮތެއް ހޯދައިދެއްވުމަށް އެދި ޕެޓިޝެއްވެސް އޭއީސީއަށް ހުށަހެޅި އެވެ. ނަމަވެސް ބެލެނިވެރިންގެ ކަންބޮޑުވުން ބޮލާލައި ޖެހުމަށްފަހު ކުރީގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމީ އަންނަ އަހަރު އޭއީސީގައި ގުރޭޑް 9 އޮންނާނެ ކަމަށެވެ. އެގޮތަށް އެޑިއުކޭޝަނުން ނިންމެވީ ހދ އޭއީސީގެ އިސްވެރިންނާ ވާހަކަދެއްކުމަށްފަހު ކަމަށްވެސް އެ މިނިސްޓްރީން ވަނީ އޭރު ހާމަކޮށްފަ އެވެ.

އޭއީސީގެ ބެލެނިވެރިންގެ ކަންބޮޑުވުން އާ ސަރުކާރު ހުވާކުރި ހިސާބުން ކައުންސިލް މެދުވެރިކޮށް އެޑިއުކޭޝަން ހުށަހެޅި އެވެ. އަދި އެޑިއުކޭޝަނުން ކުރިން ނިންމާފައިވާ ނިންމުން ބަދަލުކޮށްދިނުމަށް އެދިފައިވެ އެވެ.

” އަޅުގަނޑުމެންނަށް އެނގީ މިހާރު މިއޮތީ ޔަގީންވެފައޭ އަންނަ އަހަރު އޭއީސީގަ ގުރޭޑް 9 އޮންނާނެ އޭ. އެހެންވެ ބައެއް ބެލެނިވެރިން ޔުނީފޯމްވެސް ފެހި. އަނެއްކާ ފަހުން ސްކޫލުން އެނގީ ޔުނީފޯމް ނުފަހަން ބަދަލުވެދާނެ ޔޭ ކިޔާފަ. އޭރު މިއޮތީ އާސަރުކާރު. އަދި ސްކޫލުން އެނގި އެކަމާ ވާހަކަދެއްކުމަށް މިނިސްޓްރީގެ ޓީމެއް ކުޅުދުއްފުއްޓަށް އަންނާނެކަމަށްވެސް. އެކަމަކު މިއަދާ ހަމައަށް މިތިބެނީ ހަދަންވީ ގޮތެއް ނޭނގިފަ.” އަންނަ އަހަރު ގުރޭޑް 9 އަކަށްދާ ދަރިވަރެއްގެ ބެލެނިވެރިޔަކު ކިޔައިދިނެވެ.

ބެލެނިވެރިން ބުނީ މިކަން މިހާ ހިސާބުގައި އޮންވާ މިއަދު އެ ގުރޭޑްގެ ބެލެނިވެރިން ސްކޫލަށް ގެންގޮސް ފޯމެއް ފުރުއްވިކަމަށެވެ. އެޑިއުކޭޝަނުން ބެލެނިވެރިންގެ ހިޔާލު ހޯދުމަށްކަމަށް ބުނެ ފުރުއްވި މިފޯމުގައި އޮންނަނީ ދަރިވަރުގެ ނަމާއި އެޑްރެސް އަދި ބެލެނިވެރިޔާގެ މައުލޫމާތު ޖަހަން ކަމަށެވެ. އަދި އަންނަ އަހަރު ގުރޭޑް 9 ގެ ދަރިވަރު ކިޔަވަން ފޮނުވަން ބޭނުންވަނީ އޭއީސީއަށް ތޯ ނުވަތަ ޖަލާލުއްދީން ސްކޫލަށް ތޯ ބެލުމަށް ފާހަގަ ޖަހަންވެސް ފޯމުގައި ހިމަނާފައިވާކަމަށް ބެލެނިވެރިން ބުންޏެވެ. މިއީ ބެލެނިވެރިން ލައްވާ ފުރުވި ބޭކާރު ފޯމެއް ކަމަށާއި މިކަމުގައި ޖަވާބުދެވޭ ވަރުގެ ބަޔަކު ބެލެނިވެރިންނާ ހަމައަށް އައިސްފައިނުވާތީވެސް އެމީހުން ވަނީ ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ. އަދި އެކަމުގެ ޝަކުވާ ހިފައިގެން ކައުންސިލް އިދާރާއަށްވެސް ބެލެނިވެރިން މިއަދު ގޮސްފައިވެ އެވެ.

ބެލެނިވެރިޔަކު ބުނީ މައްސަލަ ޖެހިގެން މިއުޅޭނީ ވަކި ސްކޫލަކަށް ފޮނުވަން ޖެހޭތީ ނޫން ކަމަށާއި މައްސަލައަކީ އޭއީސީގައި ޖާގަޔާއި އެގުރޭޑްތަކަށް ބޭނުންވާ ވަސީލަތްތައް ނެތުމުންކަމަށެވެ. އަދި އެ ވަސީލަތްތައް ގާއިމުކުރުމަށްފަހު އޭއީސީގައި އެ ގުރޭޑްތަކަށް ކިޔަވައިދިނުމުގައި އެންމެ ބެލެނިވެރިޔަކުވެސް ދެކޮޅު ނުހަދާނެކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ. ބައެއް ދަރިވަރުންގެ ޔުނީފޯމު ފަހާފައިވާއިރު ޗުއްޓީއަށްވެސް ނުދެވިފައިމިވަނީ މިކަން ޔަގީން ނުވެގެންކަމަށް ބެލެނިވެރިން ބުނެ އެވެ.

ހިތްހަމަނުޖެހިންގެ ހުރެ ވާހަކަދެއްކި އެހެން ބެލެނިވެރިޔަކު ބުނީ އާ ސަރުކާރުން ފެންނަމުންދަނީ އުތުރު ބާކީ ކުރާ މަންޒަރު ކަމަށާއި ފުރަތަމަ ދުވަސްތަކުގައިވެސް އެޑިއުކޭޝަން މިނިސްޓްރީ ހިމެނޭގޮތަށް އެކި މިނިސްޓްރީތަކުގެ ޓީމުތައް ރާއްޖޭގެ ދެކުނަށް ޒިޔާރާތް މައްސަލަތައް ބަލައި ހައްލު ހޯދައިފައިވާ ކަމަށެވެ. ނަމަވެސް ދަރިވަރުންގެ ތައުލީމާ ގުޅުން ހުރި މިހާ ބޮޑު މައްސަލައެއް ދިމާވެގެން އުޅޭއިރުވެސް މިނިސްޓްރީގެ ޓީމެއްވެސް އުތުރަށް އާދެވިފައިނުވާކަމަށް ބެލެނިވެރިން ބުންޏެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން މީގެ ކުރިން ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ އޭއީސީގެ ބެލެނިވެރިންގެ ކަންބޮޑުވުން ސަރުކާރާއި މަޖިލިސް މެމްބަރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ބެލެނިވެރިން ބޭނުންވާ ގޮތަށް ސަރުކާރުން ކަންތައްތައް ކޮށްދެއްވާނެކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށެވެ. މިމައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް މިއަދު ވަނީ ލިބޭގޮތް ނުވެފަ އެވެ.

2017 ވަނަ އަހަރާ ހަމައަށް ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދެއްވަމުން ގެންދިޔައީ ގުރޭޑް 7 ހަމައަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355